އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުން ލާޒިމު ކަމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ސާފު ހަކަތައިގެ ދުވަހާ ގުޅިގެން ރައީސް ދެއްވި މެސެޖެއްގައި ވިދާޅުވީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއް ކަމަށެވެ.
އެ މެސެޖުގައި ރައީސް ވަނީ، އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ހާއްސަކޮށް ސޯލާ ޕަވާ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި 2028 ވަނަ އަހަރު ނިމިގެންދާ އިރު، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓު ހަކަތައިގެ 33 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައިއަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަކީވެސް އެ މަނިކުފާނުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން މުހިންމު ދައުރެއް އަދާކުރަމުން އަންނަކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެ މަސައްކަތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި އިގުތިސޯދީ ހަރުދަނާކަން އިތުރުވެގެން އަންނަ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ، ސާފު ހަކަތައިގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފައިސާގެ އެހީދޭ ބައިވެރިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ މަނިކުފާނު ވަނީ، ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ކުރަންޖެހޭ ކަމުގައި ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްތައް ހިމާޔަތްކޮށް، ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށް، އެހެން ގައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ރާއްޖެ ސާބިތުވެ އޮންނާނެ ކަމާއި ގައުމާއި ދުނިޔޭގެ ލާބަ އާއި މަންފާއަށްޓަކައި ސަރުކާރުން މަސައްކަތް ކުރާނީ ސާފު ހަކަތައިގެ މަގުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު