ބްރޯޑްކާސްޓިންގެ ދާއިރާއިން ޒުވާނުން ބިނާވުމަކީ މާދަމާއަށްޓަކައި ކުރެވޭ އުންމީދު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިއަށްގެންދިޔަ "ވިޝަން އޮފް ދަ ފިއުޗާ" މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި މެޑަމް ސާޖިދާ ވިދާޅުވީ، ބްރޯޑްކާސްޓިންއަކީ އަމާނާތެއް ކަމަށާއި އެ ދާއިރާއަށް ލޯ ހުޅުވިފައިވާ ޖީލެއް ބިނާކުރުން މުހިންމު ކަމަށެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ބްރޯޑްކާސްޓިން ހިދުމަތަކީ ވަރަށް ފުރިހަމަ ހިދުމަތެއް ކަމަށާއި، އެއީ ފޫހިކަމާއި މާޔޫސްކަން ދުރަށްލައި، ހިތްތަކަށް އުފާވެރިކަން ގެނެސްދިން ހިދުމަތެއް ކަމަށެވެ. އަދި ކުޑަކުދިން އަލުން ޓީވީ އަދި ރޭޑިއޯގެ ބައިވެރިން ކަމަށް ހެދުމަކީ މުހިންމު ކަމެއް ކަމަށާއި ގައުމެއްގެ ނިސްބަތުގައި ޓީވީ އަދި ރޭޑިއޯ އަދާކުރާ ދައުރު ފަހުގެ ޖީލުތަކަށް އެނގި، ވިސްނިފައިވުމަކީ ބޭނުންތެރިކަމެއް ކަމަށް ވިދާޅުވިއެވެ.
"އެ ވިސްނުމާއި، އެ ފިކުރާއި އެކަމުގެ އިލްމު ކުޑަކުދިންނަށް ފޯރައި މިކަމަށް ފަރިތަ ޒުވާނުން ބިނާވުމަކީ މާދަމާއަށްޓަކައި ކުރެވޭ އުންމީދު. ސަބަބަކީ ބްރޯޑްކާސްޓިންއަކީވެސް އަމާނާތެއް. ވަރަށް ބޮޑު ގައުމީ އަމާނާތެއް. ގައުމުގެ މަސްލަހަތު ދިފާއުކުރުން ދީނާއި އަހުލާގާއި މަސައްކަތްތެރިކަމަށް ހިތްވަރުދިނުން،" އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ވިދާޅުވީ، މީޑިއާގެ އެކި މަންސަތައް މިހާރު ހުރިއިރު އެފަދަ މަންސަތަކަށްވެސް ރޭޑިއޯ އަދި ޓީވީގެ ދައުރު އަދާނުކުރެވޭ ކަމަށާއި އެހެންކަމުން، މި ދެ ހިދުމަތަކީ ކުރީ ޒަމާނާއި މި ޒަމާނުގެވެސް އެއްޗެއް ކަމަށެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ބްރޯޑްކޮމްއިން ކުރިއަށްގެންދިޔަ "ވިޝަން އޮފް ދަ ފިއުޗާ" މުބާރާތަކީ، ބްރޯޑްކާސްޓިން ދާއިރާއަށް ޝައުގުވެރިކުރުވުމަށް ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު