ބާލިން ސީރީޒް އަކީ “މަނީ ހައިސްޓް" ގެ ފޭނުންގެ ވަރަށް ބޮޑު އިންތިޒާރެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ސީރީޒް ރިނިއު ކުރާނެކަން އިއުލާނު ކޮށްފައެވެ.
އަންދްރޭސް ދެ ފޮނޮލޯސާ (ނުވަތަ ބަރލިން) ގެ ސަމާލުކަން ހޯދާފައިވާ މަނީ ހައިސްޓްގެ ކުރީގެ ވާހަކަ އޮޅުންފިލުވައިދިން ފުރަތަމަ ސީޒަންގެ ކާމިޔާބުކަމާ ގުޅިގެން، ނެޓްފްލިކްސްއިން ވަނީ 2 ވަނަ ސީޒަން އުފެއްދުން ވަރަށް އަވަހަށް ފެށޭނެކަން ކަށަވަރުކޮށްދީފައެވެ.
ނެޓްފްލިކްސްއިން އިއްޔެ ވަނީ، ދެވަނަ ސީޒަންގެ އެޕިސޯޑުގެ ޝޫޓިން ފެށިފައިވާކަން ކަށަވަރުކޮށްދީފައެވެ. ރަސްމީކޮށް ސީރީޒް ރިލީސްކުރާނެ ތާރީހެއް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ބައިގައި ކުރީގެ އެކްޓަރުން ފެންނާނެއެވެ. ޕެޑްރޯ އަލޮންސޯ އޭނާގެ މަޝްހޫރު ކެރެކްޓަރު ބާލިންގެ ދައުރު އަލުން އަދާކުރާނެއެވެ. އަދި މިޝެލް ޖެނާ ކެއިލާގެ ގޮތުގައި ފެންނާނެ އެވެ. ބާލިން ސީޒަން 1 އިން މި ސީޒަނަށް ބައިވެރިވާ އެހެން ކެރެކްޓަރުތަކުގެ ތެރޭގައި ޓްރިސްޓާން އުލޯއާ ދަމިއާންގެ ގޮތުގައާއި، ބެގޯނާ ވާގަސް ކެމެރޯންގެ ގޮތުގައާއި، ޖޯއެލް ސާންޗެޒް ބްރޫސްގެ ގޮތުގައާއި، އަދި ޕެނާ ފަރނާންޑެޒް ރޯއީގެ ގޮތުގައި ހިމެނެއެވެ.
ނެޓްފްލިކްސްގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، ބާލިންގެ ކާސްޓަށް އާ މޫނުތަކެއްވެސް ބައިވެރިވާނެ އެވެ. މިއީ މިހާރު ހުރި ގޭންގާއެކު ބައިވެރިވާނެ ބައެކެވެ. އާ ނަންތަކުގެ ތެރޭގައި އިންމާ ކުއެސްޓާ ކަންދެލާގެ ގޮތުގައާއި، ޚޯސޭ ލުއިސް ގާސިއާ-ޕޭރެޒް އާލްވަރޯ ހެރްމޯސޯ ދެ މެދީނާ - ޑިއުކް އޮފް މާލަގާގެ ގޮތުގައާއި، އަދި މާރތާ ނިއެތޯ ޖެނޮވޭވާ ދަންތެ - ޑަޗެސް އޮފް މާލަގާގެ ގޮތުގައި ހިމެނެއެވެ.
ނެޓްފްލިކްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާލިންގެ 2 ވަނަ ސީޒަނުން ފޭނުން، އާ އަދި ފޯރިގަދަ ތަންތަނަށް ގެންދާނެ އެވެ. މީގެ ޕްލޮޓް ސްޕެއިނަށް ބަދަލުވެ، ސެވިލާގައި ބޮޑު ރިސްކެއް އޮތް ވައްކަމެއް ހިންގާނެ އެވެ. ޝޫޓްކުރުން ވަނީ އެ ގައުމުގެ އެންމެ މަޝްހޫރު ބައެއް ސިޓީތަކުގައި ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި މެޑްރިޑް، ސެވިލާ އަދި ސަން ސެބަސްޓިއާން ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން