މިދިޔަ ހަފުތާގައި ސައިފް އަލީ ޚާންގެ ގެއަށް ވަގަކު ވަދެ އޭނާއަށް ވަޅިން ހަމަލާދިން ހާދިސާއަށް ފަހު، މި ހަމަލާއާ ގުޅޭގޮތުން، ހާއްސަކޮށް ސައިފު ލީލާވަތީ ހޮސްޕިޓަލަށް ދިޔަ ގޮތާ ބެހޭގޮތުން، އެތައް ގޮތަކަށް ވާހަކަތައް ދަނީ ދެކެވެމުންދެއެވެ.

ގިނަ ރިޕޯޓުތަކުގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު ތައިމޫރު އޭނާއާއެކު ދިޔަ ކަމަށެވެ. އަނެއްބައި ރިޕޯޓުތަކުގައި ބުނެފައިވަނީ އޭނާގެ ބޮޑު ދަރިފުޅު އިބްރާހީމް ދިޔަ ކަމަށެވެ. އިއްޔެ ލީކްވި ހޮސްޕިޓަލްގެ ލިޔުމަކުން ދައްކާ ގޮތުގައި ޕަޓައުޑީ އާއިލާގެ ރަޙްމަތްތެރިޔެއް ކަމަށްވާ އަފްސަރް ޒައިދީ އަކީ ސައިފް ހޮސްޕިޓަލަށް ގެންދިޔަ މީހާއެވެ. މި ފޯމުގެ ސަބަބުން ގިނަ ބަޔަކު އެ އެކްޓަރު ހޮސްޕިޓަލަށް ދިޔުން 'ލަސްވި' ކަމަށް ބުނެ ސުވާލު އުފައްދަން ފަށާފައިވެއެވެ.

ލީކް ވެގެން އުޅޭ ފޯމަކީ ފުލުހުންގެ ބައިވެރިވުން ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލަށް ވެއްދުމަށް ފުރަން ޖެހޭ ފޯމެވެ. އެ ފޯމުގައި 'ހޮސްޕިޓަލަށް ގެނައީ' މި ބައިގައި އަފްސަރް ޒައިދީގެ ނަން ޖަހާފައިވެއެވެ. މި ފޯމުގައި ހޮސްޕިޓަލަށް ވެއްދި ގަޑިއަކީ ފަތިހު 4:11 ކަމަށް ބަޔާންކޮށްފައިވެއެވެ. ސައިފަށް ހަމަލާދިނީ ބާންޑްރާގައި ހުރި އޭނާގެ ގޭގައި އެރޭ ދަންވަރު 2:30 ހާއިރުއެވެ.

މި ފެތުރޭ ހަބަރުތަކާ ގުޅިގެން ސައިފްގެ އެކުވެރިޔާ ޒައިދީ ވަނީ އިންޑިއާ ޓުޑޭއަށް ބަޔާނެއްދީފައެވެ. އޭނާއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައިފް ހޮސްޕިޓަލަށް ގެންދިޔައީ އޭނާ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ. އޭނާ ބުނިގޮތުގައި ޕަޓައުޑީ އާއިލާއިން އޭނާއަށް ގުޅީ ފަތިހު 3:30 ހާއިރު، ހޮސްޕިޓަލަށް ސައިފް ގެންދިއުމުގައި އެހީތެރިވުމަށް އެދިގެން ކަމަށެވެ. މި ރިޕޯޓުގައިވާ ގޮތުން، ފޯމުގައިވާ ސޮއި އެގޮތަށް އޮތީ، ސައިފާއެކު ދިޔަ ތައިމޫރަށް އުމުރު ހަގުވުމުގެ ސަބަބުން ފޯމު ފުރަން ނޭނގޭތީކަމަށެވެ.

ގިނަ ރިޕޯޓުތަކުގައި ބުނެފައިވަނީ ސައިފް ހޮސްޕިޓަލަށް 4:11 ގައި ދިޔަކަމީ އަޖައިބެއް ކަމަށެވެ. އެއީ ލީލާވަތީ ހޮސްޕިޓަލަކީ ބާންޑްރާގައި ހުރި ސައިފްގެ ގެއާ ހަމައެކަނި 10-15 މިނެޓުގެ ދުރުމިނުގައި ހުންނަ ތަނަކަށް ވާތީއެވެ. ނަމަވެސް، މި ރިޕޯޓުގައި ސާފުކޮށްދީފައިވާ ގޮތުގައި ސައިފް ހޮސްޕިޓަލަށް ދިޔައީ އޭގެ ކުރީންނެވެ. އަދި ވެއްދި ގަޑި ކަމަށް ބުނެފައިވަނީ ޒައިދީ އައިސް ފޯމު ފުރި ގަޑިއެވެ. މީގެ ކުރިން، ލީލާވަތީ ހޮސްޕިޓަލްގެ ސީއޯއޯ ޑރ. ނިރާޖް އުއްތަމާނީ ވެސް ބުނެފައިވަނީ ސައިފް ހޮސްޕިޓަލަށް ދިޔައީ 3:30 ހާއިރު ކަމަށެވެ.

ސައިފް ވަނީ އަންގާރަ ދުވަހު ލީލާވަތީ ހޮސްޕިޓަލުން ޑިސްޗާޖްކޮށް، އޭނާގެ އެޕާޓްމަންޓަށް އެނބުރި ގޮސްފައެވެ. ފުލުހުން ގެންދަނީ ސައިފް، އަންހެނުން ކަރީނާ ކަޕޫރް އަދި އެ ދެމަފިރިންގެ ދެ ދަރިން - ތައިމޫރު އަދި ޖެހް - އަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ އާއިލާއަށް ދެ ކޮންސްޓެބަލުން ހަމަޖައްސައިދީފައިވެއެވެ. ސައިފްގެ އާއިލާއިން ބޭރަށް ދާ ކޮންމެ ފަހަރަކު އެ ފުލުހުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ އެވެ.

ބުރާސްފަތި ދުވަހު ސައިފުގެ ގެއަށް ވަދެ ވަޅިން ހަމަލާދިނުމުގެ ސަބަބުން ސައިފުގެ ހަށިގަނޑުން 6 ތަނެއް ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި އޭނާގެ ކަރަށާއި ބުރިކައްޓަށް ލިބުނު ޒަހަމްތައް ހިމެނެއެވެ. ރިޕޯޓުތަކުގައިވާ ގޮތުން ސައިފު މަސައްކަތްކުރަމުން ދިޔައީ އޭނާގެ މުވައްޒަފުންނާއި އާއިލާ އެ ހަމަލާދިން މީހާގެ ކިބައިން ސަލާމަތްކުރުމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ މީހަކު ވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ސައިފުގެ ގެއަށް ވަނީ ވައްކަން ކުރުމަށެވެ. އޭރު އޭނާއަށް އެގެއަކީ އެކްޓަރެއްގެ އަދި މަޝްހޫރު މީހެއްގެ ގެއެއްކަމެއް ނޭނގެއެވެ.