ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ ދިހަވަނަ އަހަރީ ދުވަހާ ދިމާކޮށް، އެ ބޭންކުގެ ހިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، އެ ބޭންކުގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން، ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ކަމަށެވެ.
އެ ޕްރޮމޯޝަނުން ހޮވޭ 10 ނަސީބުވެރިޔަކަށް ހައްޖު ދަތުރެއް ލިބޭ އިރު، އެ ދަތުރުގެ ހުރިހާ ހަރަދެއް ކުރާނީ ބީއެމްއެލުން ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިސްލާމިކްގެ އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތައް ފޯރުކޮށްދެއެވެ. އެ ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފުކުރި ބޭންކެވެ. އަދި އެ ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ހިދުމަތްދޭ ބޭންކެވެ.
ޚަބަރު
ޚަބަރު