ރ. ކިނޮޅަސް ކައުންސިލުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިނޮޅަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއަދު ހެނދުނު ކައުންސިލުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯގަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
އެ މަޝްރޫއުއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލުގެ ތެރެއިން އެއް މަޝްރޫއެވެ. ރައީސްގެ މި ދަތުރުފުޅުތަކުގައި ކިނޮޅަހަކީ ކައުންސިލުގެ އާ އިމާރާތުގެ ބިންގާ އެޅި ހަތަރުވަނަ ރަށެވެ.
ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓާ ގްލޯބަލްއާއެވެ.
ރައީސް ޑރ. ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅަކީ، ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބައްލަވައިގެން މަޝްވަރާކުރައްވައިގެން ކަންކަން ކުރިއަށް ގެންދެވުމަށް ކުރައްވަ ދަތުރުފުޅެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި 8 ރަށެއްގެ ކައުންސިލުތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. ހަމަ އެއާއެކު އެ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރ. އަތޮޅަށް ރައީސް ޑރ. މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ރައީސް ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު