ރ. އިންނަމާދޫ ކައުންސިލުގެ އާ އިމާރާތާއި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދުއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއަދު ހެނދުނު ކައުންސިލު އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯގަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއެވެ.
އިންނަމާދޫ ކައުންސިލުގެ ވަގުތީ އެސްޖީ އިމްރާން ޝަރީފް މިއަދު "ވަން" އަށް ވިދާޅުވީ، އެ މަސައްކަތަކީ ކުރު މުއްދަތެއްގެ ތެރޭގައި މި ސަރުކާރުން ފެށުމަށް ނިންމި މަސައްކަތްތެއް ކަމަށެވެ.
"ރަށުގެ ބަނދަރުގެ އިރުމަތީ އޮންނަ ހުސް ޖާގައެއްގައި، 80 ފޫޓް، 80 ފޫޓުގެ ޖާގައެއް. 6400 އަކަފޫޓު. މައުލޫމާތު ލިބިފައިވާ ގޮތުން ޕޮލިސް ސްޓޭޝަނުގެ ކޮންޓްރެކްޓަރާ ވަނީ ހަވާލުކުރެވިފައި. ރަސްމީކޮށް ކައުންސިލުގެ އިދާރާއަށް އަދި ލިޔުމެއް ނެތް ހަވާލުކުރެވިފައި. ނަމަވެސް އެ ކޮންޓްރެކްޓަރު ހަވާލުކުރެއްްވި ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް. އަދި ފަސް މަސްދުވަސް ތެރޭ މަސައްކަތް ނިންމާނެ ކަމަށް އެ ފަރާތުން ދަންނަވާފައިވާ ކަމަށް މައުލޫމާތު ދީފައިވަނީ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ 46 ރަށެއްގައި ޕޮލިސް ސްޓޭޝަނެއް ނެތްކަން މިސަރުކާރުން ފާހަގަކޮށްފައިވެއެވެ. އަދި ރައްޔިތުން އެދޭގޮތަށް ރައީސްގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމެވެ.
ހޯމް މިނިސްޓަރު އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދެ އަހަރުތެރޭ ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅަކީ، ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބައްލަވައިގެން މަޝްވަރާކުރައްވައިގެން ކަންކަން ކުރިއަށް ގެންދެވުމަށް ކުރައްވަ ދަތުރުފުޅެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި މިހާތަނަށް އެ އަތޮޅުގެ 8 ރަށަކަށް ވަޑައިގެންފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި 8 ރަށެއްގެ ކައުންސިލުތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. ހަމަ އެއާއެކު އެ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރ. އަތޮޅަށް ރައީސް ޑރ. މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު