ނައިފަރުގައި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ބިޒްނަސް ސެންޓާ ކޯޕްރޭޝަން (ބީސީސީ) އިން ސެޝަނެއް ބާއްވަން ނިންމައިފި އެވެ.
ބީސީސީން ބުނީ މި ސެޝަން ފަރުމާކޮށްފައިވަނީ މައިކްރޯ މީޑިއަމް ސްމޯލް އެންޓާޕްރައިސަސް (އެމްއެސްއެމްއީ) ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ("ކުމެލި" ވިޔަފާރިތައް) ކުރާފަރާތްތަކަށް އަމާޒުކޮށްގެން، އާ ހިޔާލުތައް ހޯދުމަށާއި އެ ވިޔަފާރިތައް އިތުރަށް ތަރަށްގީކޮށް ކުރިއެރުމަށް ބޭނުންވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށެވެ.
އެ ސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 އިން 23:30 ނައިފަރު ސްކޫލު ހޯލްގައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބީސީސީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޮޑު ދައުރެއް އަދާކުރާ ކޯޕްރޭޝަނެކެވެ. އެ ކޯޕްރޭޝަނުން ހުޅުވި އޮތެންޓިކް މޯލްޑިވްސް ފިހާރަތަކާއެކު މީގެ ކުރީން އުފެއްދުންތައް މާކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރީންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ.
އެ ފިހާރަ މެދުވެރިކޮށް މިދިޔަ އަހަރުގެ މާޗާއި ހަމަޔަށް ސަޕްލަޔަރުންނަށް 63 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް ބީސީސީން ބުނެއެވެ.
އެގޮތުން އޮތެންޓިކް މޯލްޑިވްސް އިން 2020ގައި 71 ސަޕްލަޔަރަކަށް 4.3 މިލިޔަން ރުފިޔާ، 2021ގައި 121 ސަޕްލަޔަރަކަށް 14.5 މިލިޔަން ރުފިޔާ، 2022ގައި 197 ސަޕްލަޔަރަކަށް 19.06 މިލިޔަން ރުފިޔާ އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 300 ސަޕްލަޔަރުންނަށް 63 މިލިޔަނަށްވުރެ ގިނަ ފައިސާ ދެވިފައިވާ ކަމަށް ބީސީސީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު