ރ. އިންނަމާދޫގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޅުއްވި ފުޓްސަލް މެޗެއްގައި އެ މަނިކުފާނު ޖެއްސެވި ގޯލަކަށް ހާއްސަ ސަމާލުކަމެއް އަމާޒުވެއްޖެއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިންނަމާދުއަށް މިއަދު ރައީސް ވަޑައިގެން އެ މެޗު ކުޅުއްވީ އެ ރަށު ޒުވާނުންނާއެކު އިންނަމާދޫ ފުޓްސަލް ދަނޑުގައެވެ.

ރައީސް އެ މެޗުގައި ޖެއްސެވި ގޯލަށް ސަމާލުކަން އަމާޒުވެފައިވަނީ ތަފާތު މޮޅު ގޮތަކަށް ގޯލު ޖެއްސެވުމުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިދިކޮޅު ޑިފެންޑަރު ކައިރިން ނައްޓަވައިލެއްވުމަށްފަހު، ރައީސް ވަނީ ގޯލުގެ ކަނަށް "ޗިޕް"އެއް ގޮތަށް ވަރަށް ހިތްގައިމުކޮށް ބޯޅަ އަމާޒުކޮށްލައްވައިފައެވެ. އެ ގޯލުގެ އިތުރުން ވެސް މެޗުގައި ރައީސްގެ ފަރާތުން ގިނަ ގޯލުތަކެއް ފެނިގެންދިޔައެވެ.

ރައީސް މިއަދު ވަނީ އިންނަމަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވެސް ކެމްޕޭނުގައި އެ ރަށަށް ވައުދުވެވަޑައިގެންނެވި ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އެގޮތުން ބޯހިޔާވަހިކަމާ ގުޅޭ ވައުދުފުޅަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އިންނަމާދޫގައި ހައުސިން މަޝްރޫއެއް ހިންގާނެ ވާހަކަ ކެމްޕޭނުގައި ދަންނަވާފައިވާނެ ކަމަށާއި ގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އިންނަމާދޫގައި ހައުސިން މަޝްރޫއެއް ހިންގާނެ ވާހަކަ ކެމްޕޭނުގައި ދަންނަވާފައިވާނެ ކަމަށާއި އެ ހައުސިން ޔުނިޓުތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިމަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯޓް ބިލްޑިން ނުވަތަ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަކީ ބޭރު މީހުން މަސައްކަތްކުރާ ދާއިރާއަކަށް ވާން ބޭނުންފުޅުނުވާ ކަމަށާއި އެއީ ދިވެހިންނަށް ހާއްސަކުރަން ބޭނުންވާ ދާއިރާއެއް ކަމަށް ސިޔާސަތުގައި ކަނޑައަޅުއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ފަންނަށް ޒުވާނުން ނުކުތުމުގައި ހުރަސްތަކެއް ކުރިމަތިވާތީ، އެ ދާއިރާއަށް ޒުވާނުން ތަމްރީނުކުރުމަށް އެކަމަށް ހާއްސަ މަރުކަޒެއް އިންނަމާދޫގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ކުޅިވަރާއި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް ވައުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވުމަށް، އެ ހުރިހާ މަޝްރޫއެއް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.