ރ. އިންނަމާދޫގައި 50 ހައުސިން ޔުނިޓު ތަރައްގީކޮށްދިނުމަށް ނިންމަވާފައިވާ ކަމަށާއި އޮޑިދޯނިފަހަރު ބަނުމަށް ތަމްރީނުދޭ މަރުކަޒެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އިންނަމާދޫގައި ހައުސިން މަޝްރޫއެއް ހިންގާނެ ވާހަކަ ކެމްޕޭނުގައި ދަންނަވާފައިވާނެ ކަމަށާއި އެ ހައުސިން ޔުނިޓުތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިމަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ.
"އެ މަސައްކަތް މިމަހުގެ ތެރޭގައި އަޅުގަނޑުމެން ބިޑަށް ހުޅުވާލަން އެބަ. އިރާދަކުރެއްވިއްޔާ މި ރަށުގައި ކައުންސިލުން ބިން ކަނޑައަޅައިދިންހާ އަވަހަކަށް، ކައުންސިލުން ވިދާޅުވަނީ ޕްލޭންގައި ކަނޑައަޅާފައި އޮތް ވާހަކަ. ބިން ހަމަޖެހިގެން ދިއުމުން ކޮންޓްރެކްޓަރު ހަމަޖެހުމާ އެކީގައި މި ރަށުގައި 50 ޔުނިޓުގެ ހައުސިން މަޝްރޫއެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގަން ނިންމާފައިވާ ވާހަކަ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޯޓް ބިލްޑިން ނުވަތަ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަކީ ބޭރު މީހުން މަސައްކަތްކުރާ ދާއިރާއަކަށް ވާން ބޭނުންފުޅުނުވާ ކަމަށާއި އެއީ ދިވެހިންނަށް ހާއްސަކުރަން ބޭނުންވާ ދާއިރާއެއް ކަމަށް ސިޔާސަތުގައި ކަނޑައަޅުއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ފަންނަށް ޒުވާނުން ނުކުތުމުގައި ހުރަސްތަކެއް ކުރިމަތިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ މި ރަށުގައި މި ދާއިރާއަށް ތަމްރީނު ދެވޭނެ މަރުކަޒެއް ހެދުމަކީ އަޅުގަނޑު ކުރަން ގަސްދުކުރާ ކަމެއްކަން އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން. އެހެންވީމާ ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތެރެއިން، އެ އޮންނަ އުސޫލުގެ ތެރެއިން އެކަމަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ހަމަޖައްސައިދީ، އިރާދަކުރެއްވިއްޔާ މި ރަށުގައި މި ފަންނު، މި މަސައްކަތުގެ ދާއިރާގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ތަމްރީނު ލިބޭނެގޮތް ހަމަޖައްސައިދެވޭނެ ގޮތް ފަހިކޮށްދޭނަން އިރާދަކުރެއްވިއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ދާއިރާއަކީ ދިވެހިން ތަމްރީނުވެގެން އަންނަ، ދިވެހިން އިތުރުވެގެންދާ ދާއިރާއެއްގެ ގޮތުގައިވާ ތަން ދެކެން ބޭނުންފުޅުވާ ކަމަށާއި އެކަމަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި އެ ދާއިރާއަށް ރަހުނަކާ ނުލައި ލުއިގޮތެއްގައި ލޯނު ނެގޭނެ ގޮތް ހަމަޖައްސައިދީ، އެ މަސައްކަތަށް 20 އަހަރުގެ މުއްދަތަކަށް ބިން ކުއްޔަށް ނެގޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު