ރ. ރަސްމާދޫ އެންޓަނާގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށާއި އެ ރަށުގައި އާ ހައުސިން މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމާދޫ މަޝްހޫރުވެފައިވާ އެންޓަނާގެ ވާހަކަ ރައީސް ދައްކަވާފައިވަނީ، އެ އެންޓަނާ ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް އެ ރަށު ކައުންސިލުން ބޭނުންވާތީއެވެ. ރަސްމާދޫގައި އެންޓަނާ ބެހެއްޓުމަށް އޭރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫއަށް ބިން ދޫކުރި 15 އަހަރުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އެއާއެކު ކައުންސިލުން ބޭނުންވަނީ އެހެން ބިމަކަށް އެ އެންޓަނާ ބަދަލުކުރުމަށް ދާނެ ހަރަދުގެ ފައިސާއެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްމާދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެންޓަނާގެ ކަންކަން ބަލައި ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
"އެންޓަނާގެ ވާހަކަ ވިދާޅުވި. އިރާދަކުރެއްވިއްޔާ އެކަން ހައްލުކޮށްދޭނަން، އަޅުގަނޑުމެން އުރީދޫއާ ވާހަކަ ދައްކައިގެން. ކަމާބެހޭ ދެ ވަޒީރުންނަށް އަޅުގަނޑު ދެންމެ މި ދަންނަވާލީ. މާލެ ގޮސް ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުން މިއޮތީ. ހުރިތަނުން ބަދަލުކުރުން. ދޭންޖެހޭ ފައިސާ ދިނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޅި ރާއްޖޭގައިވެސް އަދި ހާއްސަކޮށް، އާބާދީ ބައިބޯވެފައި ހުރި ރަށްރަށުގައި އެންމެ އިސްކަންދޭންޖެހޭ، ރައްޔިތުންނަށް އެންމެ ދަތި މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން އާއިލާތައް ދިރިއުޅެން ޖެހުމަކީ އޭގެ ސަބަބުން ނުކުމެނުދާ ކިތަންމެ ގިނަ ކަންތައްތަކެއް، މައްސަލަތަކެއް ކުރިމަތިވެގެންދާ ކަމެއް ކަމަށެވެ. އެހެންވެގެން އެ މައްސަލަ ހައްލުކުރުމަށް އެންމެ އިސްކަމެއްދީގެން މެނިފެސްޓޯގައި އަދި ސިޔާސަތުގައި އެގޮތަށް ކަނޑައަޅުއްވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި އަހަރަށް މި ފާސްކޮށްގެން ތަންފީޒު މިކުރާ ބަޖެޓުގައިވެސް އެންމެ އިސްކަމެއް މިދެނީ، އާ މަޝްރޫއުތަކުގައިވެސް، މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން، މި ރަށުގައި އަޅުގަނޑުމެން ހައުސިން ޔުނިޓް މަޝްރޫއެއް، އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްދޭނެކަން ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް ޔަގީންކަމާއެކު ދަންނަވާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށިގެންދާނެ ކަމަށާއި އޭގެ އިތުރުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ދިމާވެފައި ހުރި ދަތިތައް ވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު