އޭޑީކޭ ހޮސްޕިޓަލުގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފިއެވެ.
އޭޑީކޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) އިން ހުއްދަ ދީފައިވާ އެ ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމުގައި އިންޓާނުންގެ ގޮތުގައި 20 ޑޮކްޓަރުން ބައިވެރިވާ ކަމަށް ވެސް އޭޑީކޭއިން ބުންޏެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު "ވަން" އަށް ވިދާޅުވީ އެ އިންޓާންޝިޕް ޕްރޮގްރާމް ފެށި މައިގަނޑު ސަބަބަކީ މެޑިކަލް ޑޮކުޓަރުން އުފައްދައި ތަމްރީނުކުރުމުގައި ބޮޑު ދައުރެއް އަދާކުރުމަށް ބޭނުންވާތީ ކަމަށެވެ. އަދި އެ އިންޓާންޝިޕުގައި ބައިވެރިވުމަށްޓަކައި ކޮންމެ މަަހަކު 14،500 ރުފިޔާގެ ފީއެއް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމުގެ ދަށުން އިންޓާނުންނަށް ސްޓްރަކްޗާޑް އެކަޑަމިކް ލެކްޗާތަކާއި ވޯކްޝޮޕްތަކާއި ކްލިނިކަލް މަސައްކަތްތަކުގައި ބައިވެރިވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލުތަކާއި މުޖުތަމައުގެ ތެރޭގައި، އިސްނަގައިގެން ދަސްކުރާގޮތަށް ޕްރޮގްރާމު ބައްޓަންކޮށްފައިވެއެވެ. އެ ޕްރޮގުރާމުގެ މަގުސަދަކީ، ޕްރޮގްރާމުގެ ބައިވެރިންނަކީ ހުނަރުވެރި، އޯގާތެރި އަދި ގާބިލު ޑޮކުޓަރުންނަށް ހެދުން ކަމަށް އޭޑީކޭއިން ބުނެއެވެ.
އޭޑީކޭއިން ވަނީ ސްކޮލާޝިޕާއި، ޕްލޭސްމެންޓުގެ އިތުރުން އެ ހޮސްޕިޓަލުގެ ތެރޭގައިވާ ޓީޗިން ފެސިލިޓީ މެދުވެރިކޮށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމުގެ މަސައްކަތްކޮށްފައެވެ.
އައިޖީއެމްއެޗް ފަދަ ސަރުކާރު ހޮސްޕިޓަލުތަކުން ވެސް އިންޓާންޝިޕް ޕްރޮގްރާމުތައް ކުރިއަށްގެންދަމުންދިޔަ ނަމަވެސް، އެ ޕްރޮގްރާމުތަކަށް އިސްކަންދެނީ ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ކިޔެވުން ނިންމާ ޑޮކްޓަރުންނަށެވެ. އެއީ އެމްއެންޔޫ އާއި އައިޖީއެމްއެޗްއާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުން ތައުލީމު ފުރިހަމަކުރާ ޑޮކްޓަރުންނަށް ރާއްޖެއިން އިންޓާންޝިޕް ޕްރޮގްރާމުތައް ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު