ރޯޑް ޑީވެލޮޕްމަންޓް ކޯޕަރޭޝަން ލިބިޓެޑް (އާރުޑީސީ)ން 11.9 މިލިޔަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާ ބާތިލު ކޮށްފިއެވެ.

މި މައްސަލައިގައި އާރުޑީސީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، އިންސެގޫރޯ އިންޝުއަރެންސްގެ ފަރާތުންނެވެ.

އެ ފަރާތުން ދައުވާކޮށްފައި ވަނީ އެ ކުންފުނި މެދުވެރިކޮށް ހަތެއް ޖޫން 2023 އިން ފެށިގެން ހަތެއް ޖަނަވަރީ 2024 ގެ ނިޔަލަށް ހޯދާފައިވާ އިންޝުއަރެންސް ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ އާރްޑީސީން ދައްކާފައި ނުވާތީ އެވެ.

މި ދައުވާގައި، އެ ކުންފުނި މެދުވެރިކޮށް އާރުޑީސީިން ހޯދާފައިވާ އިންޝުއަރެންސް ހިދުމަތްތަކަށް ދައްކަން ޖެހޭ 6.3 މިލިޔަން ރުފިޔާ ތަކުރާރުކޮށް އެދިގެންވެސް ނުދެއްކުމުން އެކުންފުންޏަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5.5 މިލިޔަން ރުފިޔާގެ އިތުރުން، އެ ފައިސާ ނުދެއްކުމުގެ ސަބަބުން ގާނޫނީ ފިޔަވަޅުއަޅަން ހަރަދު ކުރަން ޖެހުނު 40،000 ރުފިޔާއާ އެކު ޖުމުލަ 11.9 މިލިޔަން ރުފިޔާ އާރުޑީސީން ހޯދުމަށް ވަނީ ހުށަހަޅައިފައެވެ.

ނަމަވެސް މި ދައުވާއަށް ޖަވާބުދާރީވުމަށް އާރުޑީސީއަށް އެންގުމުން ކޯޓުގެ އިހުތިސާސާމެދު އިއުތިރާޒުކޮށް އެފަރާތުން މައްސަލަ ހުށަހެޅިއެވެ.

އެކަމާ ގުޅިގެން މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބޭއްވުމަށް ތާވަލުކޮށް އެ އަޑުއެހުމަށް ހާޒިރުވާން ފޮނުވި ކޯޓު އަމުރު އިންސެގޫރޯ އިންޝޫރެންސަށް ރައްދު ކުރި ނަމަވެސް އެފަރާތުން، ނުވަތަ އެފަރާތުން އައްޔަންކޮށްފައިވާ ފަރާތަކުން ވިޔަސް އަޑުއެހުމަށް ހާޒިރުވެފައެއް ނުވެއެވެ. އޭގެ އިތުރުން އަޑުއެހުމަށް ހާޒިރު ނުވުމަށް މަގުބޫލު އުޒުރެއް ބަޔާންކޮށް ހުށަހެޅުމެއް ހުށަހަޅާފައެއްވެސް ނުވެއެވެ.

ސިވިލް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގައި ބުނަނީ، ކޯޓަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، އެ ގަވާއިދުގައި ކަނޑައަޅާފައިވާ ފަދަ، އަމިއްލަ ބާރު ނުފޯރާ، ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް މެދުވެރުވެގެން ނޫންގޮތަކަށް އަމުރުގައިވާ ތާރީހާއި ގަޑިއަށް ދައުވާ ކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ދއުވާ ފޯމު ބާތިލު ކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން މި ދައުވާ ފޯމު ބާތިލުކޮށް، މި ގަޒިއްޔާ ނިންމީ ކަމަށް މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ޒުލެއިހާ ޝީޒާގެ ނިންމެވުމުގައި ވިދާޅުވެފައިވެއެވެ.