ދުންފަތުން ނަގާ ޓެކްސް ބޮޑުކުރީ ރައްޔިތުން ސަލާމަތްކުރުމަށް ކަމަށާއި އެއީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ވޭޕް ބޭނުންކުރުން މަނާކުރެއްވީ ޖީލެއް ސަލާމަތްކުރުމަށް ކުރިއަށްއޮތް މުސްތަގުބަލަށް ވިސްނަވާފައި ކަމަށާއި އެއީ އަތުނުޖެހޭ ހިސާބަށް ދާން އޮތް ކަމެއް ހުއްޓުވުމަށް ކުރެއްވި ކަމެއް ކަމަށެވެ. އަދި ދެން ހުރި ކަންތައްތައް ވެސް ކުރެއްވީ އެ ނިޔަތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވޭޕް މަނާކުރުމުގެ ކަންތައް ކުރުމާއެކީގައި ދުންފަތުގެ އިސްތިއުމާލުކުރުމުގައި، އެކަމުން ދުރުހެލިވުމަށް ފިޔަވަޅުތަކެއް މި އެޅީ ބައެއް ބޭފުޅުން ވިދާޅުވަނީ ވަކި ބަޔަކަށް ފައިދާކޮށްދޭށޭ. ނޫން، އެހެންނެއް ނޫން. އަޅުގަނޑު ބޭނުމެއް ނޫން އެ ދާއިރާއިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރާކަށް. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ ދުންފަތުގެ ބާވަތްތައް ގަނެގެން، އިމްޕޯޓުކޮށްގެން އިތުރުވާ ޓެކްސްއަށް ބަރޯސާވެގެންނެއް ދައުލަތުގެ އާމްދަނީއެއް ކަލްކިއުލޭޓެއް ނުކުރާނެ މިހާރު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބި ބަޔަކަށް ވާން ބޭނުންފުޅުވާ ކަމަށާއި ސިއްހަތު އަމިއްލައަށް ސަލާމަތްކުރާ ބަޔަކަށް ވާން ބޭނުންފުޅުވާ ކަމަށެވެ. އަދި ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމެވީ އެކަމުން ދުރުވުމަށް ބާރު އެޅުމުގެ ގޮތުން ހެޔޮ ނިޔަތުގައި ކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އެއްކޮށް މަނާކޮށްލުމަކީ ވޭޕާ މުޅިން ތަފާތު، އެއީ ވަރަށް ފަހުން އައި ކަމެއް، އެހާ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައިވާ އޮތް ކަމެއް ނޫން، ދުންފަތުގެ އިސްތިމާލުކުރުން ފަދައިން. އެހެންވީމާ ދެ ކަންތައް އެއްފަހަރާ ނޫނީ އެއްގޮތަކަށް މަނާކުރުމަކީ އެގޮތަށް ކުރެވޭނެ ކަމެއްގެ ގޮތަށް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމާ ސްޓެޕް ބައި ސްޓެޕް ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ އެގޮތަށް ފިޔަވަޅު އެޅީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލި ޖެހުމުގެ ކުރިން ބަލިތައް ޖެހުމަށް މެދުވެރިވާ ކަންކަމުން ސަލާމަތްކުރުމަކީ ސިއްހީ ދާއިރާގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ކެމްޕޭން ތެރޭގައި އިއުލާންކުރައްވާފައިވާނެ ކަމަށާއި އެންމެ ބޮޑަށް މައްސަލަތައް ދިމާވަނީ ދުންފަތުގެ އިސްތިއުމާލުކޮށްގެން ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތަކުގެ އަގުމައްޗަށް ޖައްސަވާފައިވާނީ އެ އާދައިން ދުރަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ފަހަރަކު މެޝާއެއް ރައްޔިތުންގެ އެއްބާރުލުމާ އެކީގައި ކުރިއަށް ގޮސް، އިތުރު ފިޔަވަޅުތައް ވެސް އެޅޭ ހިސާބަށް ގޮސްފިއްޔާ އަޅައި، ރައްޔިތުން މިކަމުން ވެސް ސަލާމަތްވެ، ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމައުއެއް ގައުމުގައި ގާއިމުވެގެންދާން. އެހެންވީމާ އަޅުގަނޑުގެ ނިޔަތް މިކަމުގައި ވަރަށް ސާފުކޮށް މި ދެންނެވީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ރަށެއްގައި، ރަށު ލެވަލްގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވެވޭނެ ގޮތްތައް ގާއިމުކުރުމަށް މިހާރު ސަރުކާރުން ވަރަށް އިސްކަންދީގެން ކުރަމުން އަންނަ ކަމަށާއި ސިއްހީ މަރުކަޒުތަކާ އެކީގައި ޓޮބޭކޯ ސެސޭޝަން ކުލިނިކުތަކެއް ގާއިމުކުރެވި ހިދުމަތްދޭން ވެސް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެ މަނިކުފާނު އެންމެ ދެކެން ބޭނުންފުޅުނުވާ ކަންތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.