ޑިޖިޓަލް ނިޒާމާއެކު ރާއްޖެއިން ކޮރަޕްޝަން ނައްތާލެވޭނެ ކަމަށާއި ނިޒާމު ބަދަލުކުރުމަށް ތަފްސީލީ ޕްލޭނެއް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކޮރަޕްޝަނަށް ހުރަސް އެޅުމަށްޓަކައި ހެޔޮ ނިޔަތުގައި ކަންކަން ކުރެވޭ ކަމުގައިވާ ނަމަ، ކޮރަޕްޝަންގެ އަމަލުތައް ނައްތާލެވޭނެ ކަމަށެވެ.
"އެގޮތުން ބަލާ އިރުގައި އެންމެ މުހިންމު، އެންމެ ފަސޭހަ ނޫނީ އެންމެ ރަނގަޅަށް އެކަމަށް ކުރެވޭނެ އެއް ކަމަކީ މުޅި ދައުލަތުގެ ހިދުމަތްތަކެއް، ހުރިހާ މަސައްކަތްތަކެއް އެއީ ޑިޖިޓަލައިޒް ކުރެވިގެން ދެވޭ ހިދުމަތްތަކެއްގެ ގޮތުގައި ގާއިމުކުރުން. އިންސާނުންގެ ހިއުމަން އިންޓަވެންޝަނުން އަމަލީ މަސައްކަތްތަކެއް ކޮށްގެން ކުރާ މަސައްކަތް މަދުކުރެވުނު ވަރަކަށް ޑިޖިޓަލް ނިޒާމެއް ގާއިމުކުރެވި، ކުރެވޭ ކޮންމެ ކަމެއްގެ ރެކޯޑިން ބެލެހެއްޓޭ ފުރިހަމަ ނިޒާމެއް ގާއިމުކުރެވިގެން ދިޔައީމާ ވަރަށް ބޮޑަށް އެކަން ހުއްޓުވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ދާދިފަހުން އެސްޓޯނިއާއަށް ވަޑައިގެންނެވީ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން މުޅި ރާއްޖޭގެ ޕަބްލިކް ސާވިސް ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅުވާލެވިފައި އޮންނަ އެންމެ ޒަމާނީ ފެންވަރުގައި، ކައުންސިލުތަކުގެ ހިދުމަތްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ހިދުމަތެއް ގާއިމުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެސްޓޯނިއާ އަކީ ހުރިހާ ޕަބްލިކް ސާވިސްއެއް ޑިޖިޓަލައިޒްކޮށްގެން، މުޅި ދުނިޔޭގައި ވެސް އެންމެ ފެންވަރު ރަނގަޅުކޮށް ޑިޖިޓަލައިޒްކުރެވިގެން ހިދުމަތްދޭ އެއް ގައުމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެ ގައުމުގެ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރޭ އެ ގައުމުގެ ނިޒާމަށް. އެހެންވީމާ އަޅުގަނޑު ބޭނުންވަނީ އެތަނުގައި އެކަން ކުރާ ގޮތަށް މި ގައުމުގައި ވެސް އެކަން ކުރަން. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެގުނަ އާބާދީ ބޮޑު ގައުމެއް، 1.3 މިލިއަން ރައްޔިތުން. ރާއްޖޭގައި ފަސް ލައްކައެއްހާ ރައްޔިތުން. އެހެންވީމާ އަޅުގަނޑުމެންނަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް. އެންމެ ރަނގަޅަށް ޑިޖިޓަލައިޒްކުރެވިގެން ހިދުމަތްދޭ ގައުމުގައި އެކަން ކުރާ ގޮތަށް ކުރުމުގެ ނިޔަތުގައި އެ ދަތުރުކޮށްގެން ވަރަށް ގިނަ ކަންކަމަށް އަޅުގަނޑުމެންނަށް މަގުފަހިވެފައިވަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ޑިޖިޓަލް އައިޑީކާޑެއް، އައިޑީކާޑު ނިޒާމެއް ތައާރަފުކުރުން ކަމަށާއި އެސްޓޯނިއާގައި އެކަން ކޮށްފައިވާ ފެންވަރުގައި އެކަން ކުރައްވާނެ ކަމަށެވެ. އަދި އޭގެ ވަސީލަތުން، އޭގެ ޒަރިއްޔާއިން ދެން ހުރި ހުރިހާ ކަމަކަށް އެކްސެސް ވެވޭ ވަރަށް ފުރިހަމައަށް އިންޓަގްރޭޓް ކުރެވިފައިވާ ވިއުގައަކުން ގުޅާލެވިފައިވާ ނިޒާމެއްގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށްއޮތް ހަތަރު އަހަރަށް ބަހާލެވިގެން އަޅުގަނޑުމެން މިކަމުގެ ތަފްސީލީ ޕްލޭނަކާ އެއްކޮށް މިކަން ކުރިއަށްގެންދާނީ. މިކަމުގައި ބޭނުންވަނީ އެއްބާރުލުން. މުއައްސަސާތަކުގެ ވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ އެއްބާރުލުން. މިއީ ވަރަށް ބޮޑު ބަދަލެއް. އެކި މުއައްސަސާތަކުގައި އެކި ވަރަށް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ހިދުމަތްދޭ އެބަ. ވަކިވަކިން ހުރީ. މިގޮތަކަށް ނޫން މިކަން ކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮރަޕްޝަން އެންމެ މަދު ގައުމުތަކުގެ ތެރޭގައި އެސްޓޯނިއާ ހިމެނިގެންދިޔައީ ޑިޖިޓަލް ނިޒާމު އެގޮތަށް އޮތުމުން ކަމަށާއި ރާއްޖޭގައި އެ ނިޒާމު ގާއިމުވުމުން، ހިދުމަތެއް ދޭ އިރުގައި އެމީހަކު ބޭނުންވާ ގޮތަކަށް މީހުން އަތުން ރިޝްވަތު ނަގައިގެން ކަންކަން އަވަސްކޮށްދިނުމާއި ކަންކަމުގައި ވަކި އިސްކަމެއް ދިނުން ފަދަ ކަންކަން ނައްތާލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު