އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެ، ސިނގިރޭޓު މަނާކުރާނެކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބި ބަޔަކަށް ވާން ބޭނުންފުޅުވާ ކަމަށާއި ސިއްހަތު އަމިއްލައަށް ސަލާމަތްކުރާ ބަޔަކަށް ވާން ބޭނުންފުޅުވާ ކަމަށެވެ. އަދި ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމެވީ އެކަމުން ދުރުވުމަށް ބާރު އެޅުމުގެ ގޮތުން ހެޔޮ ނިޔަތުގައި ކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އެއްކޮށް މަނާކޮށްލުމަކީ ވޭޕާ މުޅިން ތަފާތު، އެއީ ވަރަށް ފަހުން އައި ކަމެއް، އެހާ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައިވާ އޮތް ކަމެއް ނޫން، ދުންފަތުގެ އިސްތިމާލުކުރުން ފަދައިން. އެހެންވީމާ ދެ ކަންތައް އެއްފަހަރާ ނޫނީ އެއްގޮތަކަށް މަނާކުރުމަކީ އެގޮތަށް ކުރެވޭނެ ކަމެއްގެ ގޮތަށް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމާ ސްޓެޕް ބައި ސްޓެޕް ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ އެގޮތަށް ފިޔަވަޅު އެޅީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލި ޖެހުމުގެ ކުރިން ބަލިތައް ޖެހުމަށް މެދުވެރިވާ ކަންކަމުން ސަލާމަތްކުރުމަކީ ސިއްހީ ދާއިރާގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ކެމްޕޭން ތެރޭގައި އިއުލާންކުރައްވާފައިވާނެ ކަމަށާއި އެންމެ ބޮޑަށް މައްސަލަތައް ދިމާވަނީ ދުންފަތުގެ އިސްތިއުމާލުކޮށްގެން ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތަކުގެ އަގުމައްޗަށް ޖައްސަވާފައިވާނީ އެ އާދައިން ދުރަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ފަހަރަކު މެޝާއެއް ރައްޔިތުންގެ އެއްބާރުލުމާ އެކީގައި ކުރިއަށް ގޮސް، އިތުރު ފިޔަވަޅުތައް ވެސް އެޅޭ ހިސާބަށް ގޮސްފިއްޔާ އަޅައި، ރައްޔިތުން މިކަމުން ވެސް ސަލާމަތްވެ، ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމައުއެއް ގައުމުގައި ގާއިމުވެގެންދާން. އެހެންވީމާ އަޅުގަނޑުގެ ނިޔަތް މިކަމުގައި ވަރަށް ސާފުކޮށް މި ދެންނެވީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެ މަނިކުފާނު އެންމެ ދެކެން ބޭނުންފުޅުނުވާ ކަންތައް ކަމަށާއި ދުންފަތުގެ އިސްތިއުމާލުކޮށްގެން ލިބޭ ގެއްލުންތަކުން އާންމު ރައްޔިތުންނަށް އެކިކަހަލަ ސަލާމަތްނުވެވޭ ބަލިތައް ކުރިމަތިވާން ބޭނުންފުޅުނުވާ ކަމަށެވެ.