ސައިފުގެ ގޭގައި މިދިޔަ ހަފުތާގައި ހިނގި ހިތާމަވެރި ހާދިސާގައި ޒަހަމްވެ، ދެ ފަހަރެއްގެ މަތިން އޮޕަރޭޝަން ކުރަން ޖެހުނު އެކްޓަރު ސައިފް އަލީ ޚާން، މިއަދު މެންދުރުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ހޮސްޕިޓަލުން ދޫކޮށްލުމާއެކު، ސައިފް އޭނާގެ އަންހެނުން، މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު ޚާނާއެކު ބާންދްރާގައި ހުންނަ އެ ދެމަފިރިންގެ ގެއަށް ދިޔައެވެ. ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ޓަކައި، ސައިފް ގެއަށް ވަނީ ގިނަ އަދަދެއްގެ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުންނެވެ.

އެކްޓަރާ ގާތް ގުޅުން އޮންނަ ފަރާތްތަކުން މީޑިއާއަށް ބުނިގޮތުގައި، ސައިފް ނިންމީ ވީލްޗެއާ ބޭނުން ނުކޮށް، އަމިއްލައަށް ހިނގާފައި ގެއަށް ވަންނާށެވެ. އެކްޓަރުގެ ގޭ ކައިރީގައި ފޮޓޯނެގުމަށް އިންތިޒާރުކުރަމުންދިޔަ މީޑިއާގެ ފަރާތްތަކުން އެކްޓަރަށް ހޫނު މަރުހަބާއެއް ކިއެވެ.

ސައިފް މިހާރު ނިންމަވާފައިވަނީ، އޭނާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، މަޝްހޫރު އެކްޓަރު ރޯނިތު ރޯއިގެ ސެކިއުރިޓީ ކުންފުނީގެ ހިދުމަތް ހޯދުމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ރޯނިތުގެ ބަހެއް ހޯދުމަށް މީޑިއާތަކުން މަސައްކަތްކުރުމުން، އޭނާ ވަނީ ސައިފަށް ފޯރުކޮށްދެވޭ ސެކިއުރިޓީ ހިދުމަތުގެ ތަފްސީލުތައް ހާމަކުރުމަށް އުޒުރުވެރިވެފައި ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް، ރޯނިތު ކަށަވަރުކޮށްދީފައިވަނީ ސައިފް އާއެކު އެމީހުން ތިބިކަމާއި، މިހާރު އޭނާ ހުރީ ރަނގަޅު ހާލަތެއްގައި ގެއަށް ގޮސްފައިކަމަށެވެ.

ސައިފަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފައެވެ. އުމުރުން 30 އަހަރުގެ އެމީހާގެ ނަމަކީ، ޝަރީފުލް އިސްލާމް ޝެހްޒާދް މުހައްމަދު ރޮހިއްލާ އަމީން ފަޤީރު ކަމަށް ހަބަރުތައް ބުނެއެވެ. އޭނާގެ ނަން ވިޖޭ ދާސް އަށް ބަދަލުކޮށްފައިވާ ކަމަށްވެސް ފުލުހު ންބުނެއެވެ. އޭނާ އާދީއްތަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ކޯޓުން ވަނީ ދީފައެވެ.