ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ތެރޭގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ފޯމު ފުރި ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް އެއްބަސްވެވަޑައިގެންފިއެވެ.
ޑީއެންއާރުގެ ތެރޭގައި ޕީއެންސީގެ ފޯމުތަކެއް ފުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، މިއަދު ޑީއެންއާރުގައި އެތަނުގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ ޑީއެންއާރުގެ ޑާޓާބޭސްގެ އެކްސެސް ގިނަ މުއައްސަސާތަކަކަށް ލިބިފައިވާ ކަމަށާއި ޕާޓީއަކަށް ނިސްބަތްވާ ފޯމުތަކެއް ފުރައި އަދި ސަބްމިޓް ކުރި ވާހަކަ އެކިގޮތްގޮތަށް އެކި މާނައިގައި އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
"ތި އިޝާރާތްކުރައްވާ މީޓިންގް ރޫމަކީ ވަކިން މީޓިންގް ރޫމެއް. އެ މީޓިންގް ރޫމަކީ މަސައްކަތުގެ މާހައުލާ ވަކިން މަސައްކަތާ އެއްވެސް ގުޅުމެއް ނެތް، ސެންޓްރަލްކޮށް ވަކިން މުއައްސަސާގެ އެހެނިހެން ޑިޕާޓުމަންޓުތަކުންވެސް އަޅުގަނޑުމެންނަށް ރިކުއެސްޓު ކުރުމުން މީޓިންތަކަށް ބޭނުންކުރެވެން ހުރި ތަނެއްގެ ވާހަކަ ތި ވިދާޅުވަނީ. އެހެންވީމަ އެތަނުގައި އަޅުގަނޑުމެން ގެންގޮސްފައި ތި އިޝާރާތްކުރައްވާ މަސައްކަތަކީ ތި ދެންނެވި ބީދައިން މަސައްކަތްތައް ވަކިން ހުރި މީޓިންއެއްގެ ތެރެއިން ކުރެވިފައި އޮތް މަސައްކަތެއް އެއީ،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އަލީ އިހުސާން އެކަން ކުރެއްވީ ވަރަށް އިންތިޒާމުތަކެއްގެ ތެރެއިން ކަމަށާއި މިނިސްޓްރީގައި ސިޔާސީ މީހުންގެ ގޮތުގައި ތިއްބެވި ހުރިހާ ފަރާތްތަކުންވެސް އެ ފަރާތެއް މެދުވެރިކޮށް ޕާޓީއަށް މެންބަރުން އިތުރުކުރުމަށްޓަކައި މެންބަރުން ވެއްދުމުގެ ކަންކަން ކުރިއަށްގެންގޮސްދިނުމަށް އެދިފައި އޮތް ކަމަށް މަޖީދު ވިދާޅުވިއެވެ.
"މިސާލަކަަށް 56 މީހުން ތިބެފައި 30 މީހުން ނުވަތަ 50 މީހުން ތިބޭފުޅުންނަށް އެނގޭ 1700 އަށްވުރެ އިތުރު ވެގެންދާނެ. އަނެއް ޕޮއިންޓަކީ ސަރުކާރުގެ ވިސްނުން އޮތް ގޮތުން އަޅުގަނޑުމެންގެ ޑީއެންއާރުގައި މި އޮތް ޑާޓާ ބޭސް ބޭނުންކޮށްގެން، ޕާޓީއަށް މީހުން އިތުރުކުރުން ކަމަށް ވަނީ ނަމަ، އަޅުގަނޑު ހިތަށް އަރަނީ ކޮބައިބާވައޭ މުޅި ޕާޓީއަށް ނިސްބަތްވާ، ހުރިހާ ސިޔާސީ ޕާޓީ މީހުން ހިމެނޭގޮތަށް އެއީ ކެބިނެޓް މިިނިސްޓަރުންނާއި ޕާލިމަންޓު މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ހުރި އެހެނިހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބޭނުންކޮށްގެން ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްކޮށްގެން ކޮބައިތޯ ބޭނުމަކީ،" މަޖީދު ވިދާޅުވިއެވެ.
މަޖީދު ވިދާޅުވީ ޑީއެންއާރުގެ ޑާޓާބޭސް އެކަނި ބޭނުންކޮށްގެންވެސް ޕާޓީއަށް ބޭނުންވާ ވަރަށް މެންބަރުން އިތުރު ކުރެވޭނެ ކަމަށެވެ.
ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ "މެމްބާޝިޕް ޑްރައިވް" ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ވަނީ މިމަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފައެވެ.
އުމުރުން 18 އަހަރު ފުރޭ މީހުންގެ މައުލޫމާތު ހޯދައި، ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުމުގެ މަސައްކަތްކުރާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވެސް އެކްސްގައި އެ ދުވަހު ކުރެއްވިއެވެ. ނަމަވެސް އެ ޕޯސްޓުގައި ކޮށްފައިވާ ތުހުމަތުތައް މިނިސްޓަރު އިހުސާން ވަނީ ދޮގުކުރައްވައިފައެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި މިނިސްޓަރު އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ވެސް މިމަހުގެ 15 ވަނަ ދުވަހު ވަނީ ނިންމައިފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މިމަހުގެ 17 ގައެވެ.
ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ޕީއެންސީން ވެސް މީގެ ކުރިން އެއްބަސްވެފައިވާ އިރު، އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ފުލުހުންވެސް ގެންދަނީ ބަލަމުންނެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބުނާ ގޮތުން ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި ނަކަލު ކުރުމަކީ ކުށެކެވެ. އެއީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު