މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޕޮލިސް ސްޓޭޝަން ނުވަތަ ޕޮލިސް ޕޯސްޓްތައް ގާއިމު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވާދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަން ކުރުމަށް މިހާރު މަޝްރޫއެއް ފެށިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެރަށެއްގެ އާބާދީ އާއި އިގުތިސޯދާއި ރަށުގެ ބޭނުންތަކަށް އެންމެ އެކަށޭނަ ޕޮލިސް ޕޯސްޓެއް ނުވަތަ ޕޮލިސް ސްޓޭޝަނެއް ގާއިމް ކުރާނެ ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށެވެ.
"އަމާޒަކީ މި ފެށިގެންދާ އަހަރު ނިމެންވާ އިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ދާއިރުގައި މުޅި ރާއްޖޭގައި ވެސް ކޮންމެ ރަށެއްގައި ވެސް އެރަށެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ ޕޮލިސް ހިދުމަތް ދެވޭނެ އަމިއްލަ ތަނެއް، ތަނެއް ކުއްޔަށް ހިފައިގެންނެއް ނޫން، އަމިއްލަ އިމާރާތެއް އެކަމަށް އެންމެ އެކަށީގެންވާ ފެންވަރެއްގައި ގާއިމް ކުރުން. އެކަމަށް ބޮޑު މަޝްރޫއެއް ފެށިފައި އޮތީ،" ރައީސް ވިދާޅުވިއެވެ.
އެގޮތުން ވާދޫގައި ވެސް ޕޮލިސް ޕޯސްޓެއް ނުވަތަ ޕޮލިސް ސްޓޭޝަނެއް ގާއިމް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު