ސައިފް އަލީ ޚާން ދިރިއުޅޭ ގެެއަށްވަދެ އޭނާއަށް ހަމަލާދިން ކަަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފައެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި، މުހައްމަދު ޝަރީފުލް އިސްލާމް، ނަމަކަށްކިޔާ މިމީހާ އަކީ ގައުމީ ފެންވަރުގެ ރެސްލިން ޗެމްޕިއަނެކެވެ.

އޮތޯރިޓީތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ޝެހްޒާދު އިންޑިއާއަށް އެތެރެވެފައިވަނީވެސް ގަވައިދާ ހިލާފަށެވެ. އޭނާ ވަނީ މުންބާއީގައި އެތައް މަހެއް ވާންދެން ދިރިއުޅެމުން ގޮސްފައެވެ. އޭނާ ދިރިއުޅެމުން ގޮސްފައިވަނީ ނަން އޮޅުވާލައިގެންނެވެ.

މި ހާދިސާއަށްފަހު، އޭނާ ބާންޑްރާ، ދާދަރު، ވޯލީ، އަންދޭރީ އަދި ތާނޭ ސަރަހައްދުތަކުގައި އުޅެމުން ގޮސް، އެންމެ ފަހުން ތާނޭގައި ހުރި މަސައްކަތްތެރީންގެ ކޭމްޕެއް ކައިރީގައި ފިލައި ހުއްޓާ ޖެނުއަރީ 19 ވަނަ ދުވަހު ހައްޔަރުކުރެވުނެވެ.

މި ހަމަލާދިން މީހާއަކީ، ބަންގަލަދޭޝްގައި ގައުމީ ފެންވަރުގައި ރެސްލިން ކުޅެފައިވާ، ރެސްލިން ޗެމްޕިއަނެއް ކަމަށް އެނގިފައިވާ ކަމަށް ބޮލީވުޑް ހަބަރުތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މި ހަމަލާ ދިން ވަގުތު، އޭނާގެ ބާރު އެހެން މީހުނަށްވުރެ ގަދަވެ، ފިލައިގެން ދިއުމަށް މަގުފަހިވީ ވެސް މި ކަމުގެ ސަބަބުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ތަހުގީގުކުރާ ފަރާތްތަކަށް އިތުރަށް އެނގުނުގޮތުގައި، ޝެހްޒާދު ވަނީ މީގެ އެތައް މަސްތަކެއް ކުރީން ވޯލީގައި ވަޒީފާ އަދާކުރަމުންދިޔައިރު އެހެން ވައްކަމެއްގައި ވެސް ބައިވެރިވެފައެވެ. އެއީ ޑައިމަންޑް އަނގޮޓިއެއް ވަގަށް ނެގި މައްސަލައެކެވެ. އެކަމާ ގުޅިގެން އޭނާ ވަނީ ވަޒީފާއިން ވަކިކުރެވިފައެވެ. އޭގެ ފަހުން އޭނާ ވަނީ ޑިސެމްބަރު 2024 އާ ހަމައަށް ތާނޭގެ ރެސްޓޯރަންޓެއްގައި މަސައްކަތް ކޮށްފައެވެ.

އެހެންނަމަވެސް، ދިފާއީ ވަކީލު ވަނީ އޭނާގެ ގައުމިއްޔަތާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ދެކޮޅު ހަދާފައެވެ. އަދި 7 އަހަރަށްވުރެ ގިނަ ދުވަހު އޭނާގެ އާއިލާއާއެކު މުންބާއީގައި ދިރިއުޅެމުން އައިސްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޝަރީފުލް އިސްލާމް، ނުވަތަ ވިޖޭ ދާސް ގެ އިނގިލީގެ 19 ނިޝާން މުންބާއީ ފުލުހުންނަށް ވަނީ ފެނިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުންބާއީ ފުލުހުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި، ޝަރީފުލް އިސްލާމްގެ އިނގިލީގެ ނިޝާންތައް ހާދިސާ ހިނގި ތަނުގެ އެކި ހިސާބުތަކުން ފެނިފައިވެއެވެ. މީގެ ތެރޭގައި އޭނާ ވަދެ ނުކުތް ފާހާނާގެ ކުޑަދޮރާއި، ޑަކްޓް ޝާފްޓާއި، އިމާރާތަށް އަރަން ބޭނުންކުރި ސިޑިއާއި، އަދި އެހެނިހެން ސަރަހައްދުތައް ހިމެނެއެވެ.

ޝަރީފުލް އިސްލާމް، ސައިފުގެ އެޕާޓްމަންޓަށް ގެންދިއުމަށް ވަނީ ތައްޔާރުވެފައެވެ. މިހާރު ވެސް ހަމަލާދިން ކަމަށް އިއުތިރާފުވެފައިވާ އޭނާ ލައްވައި، ހާދިސާގެ މަންޒަރު ކުޅުވަން ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި އޭނާ އިމާރާތަށް ވަދެފައިވާ ގޮތާއި އެކްޓަރާ ބައްދަލުވުމަށްފަހު ފިލައިގެން ދިޔަ ގޮތް ހިމެނެއެވެ.

ސައިފަށް ހަމަލާދިނުމުގެ ސަބަބުން ވަނީ ކުއްލި ގޮތަކަށް އޮޓޯރިކްޝޯއެއްގައި މުންބާއީގެ ލީލާވަތީ ހޮސްޕިޓަލަށް ގެންދެވިފައެވެ. 5 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު، ޑޮކްޓަރުން ވަނީ އޭނާގެ މައިބަދަ ކައިރިން 2.5 އިންޗި ދިގު ވަޅިތިލައެއް ނަގައިފައެވެ. 54 އަހަރުގެ މި އެކްޓަރުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ މެޑިކަލް ޓީމުން މައުލޫމާތު ދީފައިވެއެވެ.