ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަލީ ހައިދަރު އަހުމަދަށާއި އެގްރިގަލްޗަރު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މަރިޔަމް މާރިޔާގެ އިތުރުން ހައުސިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މުއްތަލިބަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ދެވަނަ ބަދަލުގެ ގޮތުގައި މި ބަދަލު ގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ގައެވެ. އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން މި މަހު 16 ވަނަ ދުވަހު ބޭއްވި ރައްޔުންގެ މަޖިލީހުގެ ޖަލްސާގައި އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ މިންވަރު ބަލާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމްއެވެ.
އެ ބޭފުޅުންނަށް ރުހުންދޭން ކޮމިޓީން ފާސްކުރި ރިޕޯޓް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ކޮމިޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ.
އެ ރިޕޯޓުގައިވާ ގޮތަށް ވޯޓަށް އެހުމުން، މާރިޔާއާއި މުއްތަލިބަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 70 މެންބަރުންގެ އިއްތިފާގުންނެވެ. ޒަމީރަށް ރުހުންދޭން ފާސްކުރީ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް ހައިދަރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ހައިދަރަށް މަޖިލީހުން ރުހުން ދޭން ނުފެންނަ ކަމަށް ހަ މެންބަރުން ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އިދިކޮޅު އެމްޑީޕީގެ ފަސް މެންބަރުންނާއި ޕީއެންސީގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލެވެ.
ޚަބަރު
ޚަބަރު
ޚަބަރު