ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަލީ ހައިދަރު އަހުމަދަށާއި އެގްރިގަލްޗަރު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މަރިޔަމް މާރިޔާގެ އިތުރުން ހައުސިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މުއްތަލިބަށް ރައްޔިތުންގެ މަޖިލީހުުން ރުހުން ދޭން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ދެވަނަ ބަދަލުގެ ގޮތުގައި މި ބަދަލު ގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ގައެވެ. އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން މި މަހު 16 ވަނަ ދުވަހު ބޭއްވި ރައްޔުންގެ މަޖިލީހުގެ ޖަލްސާގައި އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ މިންވަރު ބަލާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމްއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ބޭފުޅުނަށް މަޖިލީހުން ރުހުންދޭން ފާސްކުރިއެވެ.