މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ ވަގުތުން ހިދުމަތް ދޭން ފަށާ ގޮތަށް ނޫން ކަމަށާއި އެ ބޭންކުގެ ހިދުމަތްތައް ދޭނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިނިސްޓަރު ސައީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭންކުގެ ހިދުމަތް ދޭން ފަށަން ރާވާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި މިހާރު ކުރަމުން އަންނަނީ އެތަނުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.
"ޑީބީއެމްގެ ވިޔަފާރި މޮޑެލްގައި އިސްކަން ދެނީ އިންސްޓިއުޝަނަލް އިންވެސްޓަރުންނާއި ބޮޑެތި އުމްރާނި މަޝްރޫއުތަކަށް، އަދި ފަހުގެ މަރުހަލާއެއްގައި ރީޓެއިލް ހިދުމަތްތައް ތައާރަފު ކުރުމަށް ވަނީ ރޭވިފައި." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ފިޔަވަހީގެ ވިސްނުމަކީ އިގްތިސާދު ހަމައަކަށް އަޅުވައި ހަރުދަނާ ކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށެވެ.
"ޕަބްލިކް ފައިނޭންސް ބެލެހެއްޓުމުގައި ފުރިހަމަ އަހުލުވެރިކަމެއް ނެތް ޒިންމާދާރުކަން ކުޑަ ސަރުކާރެއްގެ ކިބައިން އަޅުގަނޑުމެންނަށް ވާރުތަވި ނުތަނަވަސްކަމުން އަރައިގަނެ، ޑީބީއެމްގެ އިތުރުން ހަމަޖެހުން މިހާރު ވަނީ ގެނެސްފައި." މިނިސްޓަރު ވިދާޅުވިއެވެ.
ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސްގެ ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޑިވެލޮޕްލަމަންޓް ބޭންކެވެ.
އެ ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދި ބޭންކެކެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ބޭންކުގެ ހިދުމަތް ފެށުމުން، އިގުތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށާއި އެ ބޭންކު ހުޅުވުމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް، ޑިވެލޮޕްމަންޓް ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިނީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަނަކީ އަރޫނީ ގޫނަތިލަކައެވެ. އަރޫނީ ގޫނަތިލަކަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓުތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ހާއްސަވެފައިވާ ބައިނަލްއަގުވާމީ ފިނޭންޝަލް މާކެޓްގެ ފިނޭންޝަލް ސާވިސް ތަޖުރިބާކާރެކެވެ. އަރޫނީ ގޫނަތިލަކަ އަކީ ހާވާޑް ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯއަކީ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސްއެވެ. ޕެޓާސަން-ޖޯންސްއަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޕެޓާސަން-ޖޯންސް ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓާ އޮފް ފިލޯސަފީ ހާސިލުކުރައްވައިފައެވެ.
ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ މިދިޔަ މެއި މަހުގެ 16 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު