ތަފާތު ޑިޕާޓްމަންޓްތަކުގެ 30 އަށްވުރެ ގިނަ ޓީމުތައް ހިމެނޭ ގޮތަށް ހިންގި ފުޅާ އޮޕަރޭޝަނަށްފަހު، މުމްބާއީ ފުލުހުން ވަނީ ސައިފް އަލީ ޚާންގެ ގެއަށް ވަދެ އޭނާއަށް ހަމަލާދިންކަމަށް ޝައްކު ކުރެވޭ މީހާ ހައްޔަރުކޮށްފައެވެ.

މުހައްމަދު އަލިޔާން ކިޔާ އެ މީހާ ހައްޔަރުކޮށްފައިވަނީ މަހާރާޝްޓްރާގެ ތާނޭގައެވެ. ބޮލީވުޑް ހަބަރުތަކުގައިވާ ގޮތުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެސް ވެފައެވެ.

އޭނާ ފުރަތަމަ ބުނެފައިވަނީ ނަމަކީ 'ވިޖޭ ދާސް' ކަމަށެވެ. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، މުހައްމަދު އަލިޔާންއަކީ ތާނޭގައި ހުރި ރިކީސް ބާގެ ހައުސްކީޕިން މުވައްޒަފެކެވެ.

މި މައްސަލައިގެ ރިޕޯޓުގައިވާ ގޮތުން، ހަމަލާދިން މީހާ ފުރަތަމަ ވަދެފައިވަނީ ހަގު ދަރިފުޅު ޖަހާންގީރު (ޖެހް) ޚާންގެ ކޮޓަރިއަށެވެ. ގޭގައި މަސައްކަތް ކުރާ ނަރުހަކު އެ މީހާ ފާހަގަކޮށް، އަޑުގަދަކޮށް ހަޅޭލެވުމުން، އެހެން މީހުންގެ ސަމާލުކަން ލިބުނެވެ. ސައިފް އަދި އޭނާގެ އަންހެނުން، އެކްޓްރެސް ކަރީނާ ކަޕޫރު ޚާން، އަވަހަށް އެ ކޮޓަރިއަށް ދިޔައެވެ. އެތަނުގައި ހަމަނުޖެހުމެއް ހިނގިއެވެ.

މި ޒުވާބުގެ ތެރޭގައި، ސައިފަށް ވަނީ ގިނަ ފަހަރު މަތިން ވަޅިން ހަމަލާދީ، ބޮޑެތި ޒަހަމްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި އޭނާގެ ކަރުގައި އަދި މައިބަދަ ކައިރީގައި ވެފައިވާ ޒަހަމްތައް ހިމެނެއެވެ.

މުންބާއީ ފުލުހުންނަށް ހެކިބަސް ދިނުމަށް ބައްދަލުކުރި ކަރީނާ ފާހަގަކޮށްފައިވާ ގޮތުގައި، ހަމަނުޖެހުމުގެ ތެރޭގައި އެ މީހާ އިތުރަށް އަނިޔާވެރިވި ނަމަވެސް، ހުޅުވާލާފައި ބަހައްޓާފައި ހުރި ގަހަނާތަކަށް އަތްލާން މަސައްކަތްކޮށްފައެއް ނުވެއެވެ. އެކަމުގެ ސަބަބުން، ހަމަލާދިން މީހާގެ އަސްލު މަގުސަދާ ބެހޭ ގޮތުން ޝައްކުތަކެއް އުފެދިފައިވެއެވެ.