ފަތުރުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ފެހުރިހި (ވޭލް ޝާކް) ބަލަންގެންދާ ފަތުރުވެރިން ތިބޭ އުޅަނދުތަކުގެ ބުރަފަތީގައި ގާޑެއް އެޅުވުމަށް މަޖުބޫރު ކުރުމަށް ނިންމައިފިއެވެ.

ފާއިތުވި ދެމަސްތެރޭ ދެ ފަތުރުވެރިއެއް ވަނީ ލޯންޗެއްގެ ބުރަފަތީގައި ޖެހިގެން ރާއްޖޭގައި މަރުވެފައެވެ. އަދި އެ ނޫނަސް އެކި ކަހަލަ ހިތާމަވެރި ހާދިސާތައް ފަތުރުވެރިންނަށާއި އެ އުޅަނދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ވަނީ ކުރިމަތިވެފައެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" އަށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން ފެހުރިހި ބެލުމަށް ޝައުގު ހުރި ނަމަވެސް، އެ ސަރަހައްދަށް ގެންދާ ލޯންޗުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަމުން ނުގެންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ފަތުރުވެރިންގެ މެދުގައި މަގުބޫލު އަރިއަތޮޅު ސަންޕާ އަރި މެރިން (ސަންޕާ ޕްރޮޓެކްޓަޑް އޭރިއާ) އާ ގުޅޭ ވާހަކަތައް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެއީ 140 ކިލޯމީޓަރުގެ ދިގު ސަރަހައްދެއް، ދިގުވެގެންގޮސް ކޮންރެޑްއާ ހަމައަށް އޮންނަ ސަރަހައްދެއް. އެ ސަރަހައްދު އިންނަނީ އެއް ކިލޯމީޓަރުން ފެށިގެން ފުއްޓަރާ ހަމައަށް އޮންނަ ސަރަހައްދެއް. މިތަނަކީ ދުނިޔޭގެ ވޭލް ޝާކް މުޅި އަހަރުތެރޭގައި ފެންނަ ތަނެއް. އެހެންވީމަ މިތަން ރަނގަޅަށް ޕްރޮޓެކްޓު ނުކުރުމުގެ ސަބަބުން، ރަނގަޅަށް މެނޭޖު ނުކުރުމުގެ ސަބަބުން ވަރަށް ބައިވަރު ކަންތައްތަކެއް އެބަ ހިނގާ. އެއްކަމަކީ ވޭލް ޝާކްއެއް ފެނުމުން އެތަނަކަށް ގޮސް، ވޭލް ޝާކް ފަހަތުން ބައެއް ފަހަރަށް 100 ގެސްޓުންވެސް ގޮސް ފަތާ ހަދާ،" ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ތިން މަސްތެރޭ، އެ ސަރަހައްދަށް ވަންނަން ބޭނުންވާ އުޅަނދުތައް ރަޖިސްޓާކޮށް މޮނިޓާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެެވެ. އަދި ފެހުރިހި ބަލަން ގެންދެވޭނީ ހަމައެކަނި އެކަމަށް ތަމްރީނުވެފައި ތިބި ޑައިވަރުންނަށް ކަމަށާއި ގެންދެވޭނީ ފަހަރަކު ފަސް ފަތުރުވެރިން ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތިން މަސްތެރޭ އެތަނަށް ދާ ވެސަލްތައް ރަޖިސްޓާވެސް ކުރަންޖެހޭ. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ އެއީ ރެޖިސްޓާޑް ވެސަލްއެއްތޯ. އަނެއްކާ އެ ވެސަލް މޮނިޓާ ކުރެވޭނެ ނިޒާމެއްވެސް ވިޝުއަލްކޮށް މޮނިޓަރިން މެކޭނިޒަމް ހެދިފައި ހުންނާނީ،" ތޯރިގު ވިދާޅުވިއެވެ.

ރާއްޖޭގައި 93 ސަރަހައްދެއް ހިމާޔަތް ކޮށްފައިި އޮތް ނަމަވެސް ރަނގަޅު މެކޭނިޒަމްއެެއްގެ ދަށުން ބެލެހެއްޓެނީ އެންމެ ފަސް ސަރަހައްދުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހިމާޔަތްކުރުމާއި، ހިމާޔަތްކޮށްފައި އޮންނަ ތަނެއް ބެލެހެއްޓުމަކީ ހަމައެކަނި ސަރުކާރުން ޒިންމާ އަދާކުރަން ދޫކޮށްލައިގެން ވާނެ ތަންތަން ނޫން ކަމަށެވެ.

"ވޭލް ޝާކްއެއް ފެނިއްޖެ ކަމަށްވަންޏާ ވޭލް ޝާކް ކައިރަށް ދެވޭނީ ގައިޑަކާ އެއްކޮށް. ކޮންމެ ގައިޑަކަށްވެސް ދެވޭނީ ގިނަވެގެން ފަސް މީހުން. ލޯންޗެއް ވަންނަ ކަމަށް ވަންޏާމުން 50 މީޓަރަށްވުރެ ކައިރި ވެއްޖެއްޔާ ވަކި ހިސާބުތަކަކަށް ހުންނާނެ ވަކި ސްޕީޑުތަކެއް ކަނޑައަޅާފައި، ވޭލް ޝާކްއެއްގެ 250 މީޓަރުން އެތެރެއަށް ވަންނަ ކަމަށްވަންޏާ މި ވީކް ނުވަތަ މި ވީކެންޑް ނިމޭ ހިސާބުން އިތުރު ގަވައިދެއް އަަންނާނެ ގާޑު އެޅުވުމުގެ. ލޯންޗުގައި އިންނަ ބުރަފަތީގައި، ގާޑް އަޅުވައިގެން ނޫނީ އެ ހިސާބުން އެތެރެއަށް ނުވަދެވޭނެ ކަމަށް،" ތޯރިގު ވިދާޅުވިއެވެ.

އެކަމުގައި އެ ސަރަހައްދެއްގެ ކައުންސިލުތަކާއި ގެސްޓްހައުސްތަކާއި އެ ސަރަހައްދަށް ފަތުރުވެރިން ގޮވައިގެންދާ ލޯންޗު ފަހަރުތަކުގައި ތިބޭ މީހުންވެސް ޒިންމާ ނަގައިގެން ގަވައިދަށް ކަންކަން ކުރަން ފެށުމުން ފަތުރުވެރިންނާއި އެ ސަހަރައްދަށް ފެހުރިހި ބަލަންދާ ފަރާތްތަކަށް ރައްކާތެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ އެ ސަރަހައްދުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކުރެވުނު މަސައްކަތްތަކަށް އަމަލީ ސިފައެއް ނުގެނެވުނު ނަމަވެސް، މިފަހަރު އެ ސަރަހައްދު މޮނީޓާކުރުމަށް މިިނިސްޓަރު އިސްނަންގަވައިގެންވެސް ކުރިއަށް ގެންދަވާނެ ކަމަށާއި މި ހަފުތާތެރޭ އއ. އަތޮޅުގެ ދެ ރަށެއްގައި އަދި މާލެ ސަރަހައްދުގައިވެސް އެކަމަށް މީހުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކަންކަމުން ރައްކާތެރި ފިޔަވަޅުތަކެއްގެ ތެރެއިން ފެހުރިހި ބެލޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ސަރަހައްދެއްގެ ކައުންސިލުތަކުން ފެށިގެން، ރައްޔިތުންނާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ރިސޯޓުތަކުގެ މީހުންނާއި ސަފާރީތަކުން އެއްބާރުލުން ލިބިގެން ނޫން ގޮތަކަށް އެކަންކަން ކުރެވެން ނެތް ކަމަށާއި މިދިޔަ އަހަރު މަސައްކަތްކުރީ އެކަމަށް ދާއިމީ ހައްލު ހޯދުމަށް ކަމަށެވެ. އަދި އެސޯސިއޭޝަންތަކާ ވާހަކަދައްކައިގެން އެއްބަސްވެވޭ ގަވައިދެއް ހެދުމަށްފަހު މިހާރު އިއުލާނުކޮށް، ކުރިއަށްއޮތް ތިން މަސްދުވަސް ތެރޭގައި އެ ގަވާއިދަށް އަމަލުކުރަން ފަށަން ޖެހޭ ގޮތަށް ހަދާފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ.