ކެމަރަން ޑިއަޒް އަލުން ފިލްމީދުނިޔެއަށް އައުމަކީ ގިނަ ބަޔަކަށް އުފާވެރި ހަބަރެކެވެ. ހާއްސަކޮށް އޭނާގެ ފިރިމީހާ ބެންޖީ މެޑެން އަދި ދެ ދަރިންނާއެކު އާއިލީ ދިރިއުޅުމަށް އަހައްމިއްޔަތުކަން ދިނުމަށްޓަކައި ދާއިރާއިން ދުރުވެ، ދިހަ އަހަރު ހޭދަކުރުމަށްފަހުގައެވެ.
ޗުއްޓީ މޫސުމުގެ މަޝްހޫރު ފިލްމު "ދަ ހޮލިޑޭ" (2006) އަދި "ނައިޓް އެންޑް ޑޭ" (2010) ފަދަ ފިލްމުތަކުގައި އަދާކުރި މަޝްހޫރު ރޯލްތަކުން އޭނާ ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އޭނާ އެންމެ ފަހުން ބޮޑު ފިލްމެއްގައި ފެނިފައިވަނީ 2014 ގެ "އެނީ" އިންނެވެ. ނަމަވެސް މިހާރު މި އެކްޓަރު އަންނަނީ ނެޓްފްލިކްސްގެ "ބެކް އިން އެކްޝަން" މެދުވެރިކޮށް މަޑުމަޑުން އަނެއްކާވެސް މަޝްރަހަށް ނުކުތުމުގެ މަސައްކަތްފަށައިފައެވެ. މިއީ 10 އަހަރަށްފަހު އޭނާ ފިލްމެއްގައި ފެންނާނެ ފުރަތަމަ ފަހަރެވެ.
މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން، މި އެކްޓަރު ޖެނުއަރީ 15 ވަނަ ދުވަހު ބަރުލިންގެ ޒޫ ޕަލަސްޓްގައި ބޭއްވި ފިލްމުގެ ސްކްރީނިންގައި ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް ރެޑް ކާޕެޓްގައި ފެނުނެވެ. އޭނާ އިހުތިޔާރުކުރި ސްޓައިލް - ކަޅު މޮކް ނެކް ބްލައުޒަކާއި ނާޒުކު ޕުސީ ބޯ ޓައިއަކާއި ކުޑަކޮށް މޭމަތި ފެންނަ ގޮތަށް - މި މަންޒަރު ވަރަށް ރީތިކޮށް ކެޕްޗަރކޮށްދިނެވެ. އޭނާގެ ހެދުމަކީ އުންމީދުކުރެވުނު ފަދައިން، ލޯބިވެވޭ ތަރިއެއްގެ އަނބުރާ އައުމުގެ ފުރިހަމަ މިސާލެކެވެ. އޭނާގެ އެކްޓިން ބައިވެރިޔާ ޖެމީ ފޮކްސް އަދި ޑައިރެކްޓަރ ސެތް ގޯޑަންއާއެކު ފޮޓޯނެގުމުގައި، ކެމަރަން ދެއްކީ ހަމަޖެހުމާއެކު މީހުންގެ ސަމާލުކަން ހޯދައިދޭ ފަދަ މަންޒަރެކެވެ.
ކެމަރަން ހޮލިވުޑަށް އެނބުރި އައުމުގެ ކްރެޑިޓް ދީފައިވަނީ ޖެމީއަށެވެ. އޭނާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެނބުރި އައީ ހުރިހާ ގޮތަކުން ވެސް ޖެމީގެ ސަބަބުން ކަމަށެވެ.
"10 އަހަރު ވަންދެން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ހުރީމެވެ. އެއްވެސް އޮފާއެއް ގަބޫލުނުކޮށް ހުރީމެވެ. ދެން މި ސްކްރިޕްޓް ލިބުނީމާ މިއީ ވަގުތުކަމަށް ވެދާނޭ ހިތަށްއެރިއެވެ. އާއިލާ ދޫކޮށް ދުވާލަކު 10 ގަޑިއިރު ހޭދަކުރާ ކަމަށްވަންޏާ އެކަން ކުރަން ބޭނުންވަނީ މުނިފޫހިފިލުވުމުގެ ވިޔަފާރީގައި އެންމެ ހުނަރުވެރި މީހާއާ އެކުގައެވެ." އޭނާ ބުނެފައިވެއެވެ.
ކެމަރަންގެ އާ ފިލްމު ބެކް އިން އެކްޝަން ވަނީ އިއްޔެ ނެޓްފްލިކްސްގައި ރިލީސްކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން