ސައިފް އަލީ ޚާންގެ ޑޮކްޓަރުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެކްޓަރުގެ ހާލު ރަނގަޅުވަމުންދާތީ އޭނާ އައިސީޔޫއިން ހާއްސަ ކޮޓަރިއަކަށް ބަދަލުކުރި ވާހަކަ ހުކުރުދުވަހު ބުންޏެވެ. އަދި އެކްޓަރު ހޭއަރުމަށްފަހު ޑޮކްޓަރާ ދެ ސުވާލެއް ކުރިކަމަށް މީޑިއާ ރިޕޯޓުތަކުގައިވެއެވެ.

މި ދެ ސުވާލުގެ ވާހަކައިން ބައެއް މީހުނަށް ލިބެނީ ހައިރާންކަމެކެވެ.

ހޭއަރުމަށްފަހު ސައިފް ޑޮކްޓަރުންނާ ސުވާލުކޮށްފައިވަނީ އޭނާއަށް އަލުން ޝޫޓިން އަށް ދެވޭނެތޯ އާއި ޖިމަށް ދެވޭނެތޯ އެވެ. މި ސުވާލުން އެނގެނީ އޭނާ ފިލްމު އިންޑަސްޓްރީއަށް ބަހައްޓާ ލޯތްބާއި ހަށިގަނޑު ފިޓުކޮށް ބަހައްޓާން ދޭ ސަމާލުކަމެވެ.

ލީލާވަތީ ހޮސްޕިޓަލުގެ ސީއޯއޯ ޑރ. ނިރާޖް އުއްތަމާނީ މީޑިއާއާ މުހާތަބުކޮށް ބުނެފައިވަނީ އެކްޓަރު ހޮސްޕިޓަލަށް ދިއުމުން ފުރަތަމަ ބައްދަލުކުރި މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށެވެ. ފިލްމުތަކުގައި ބަތަލުންގެ ގަދަކަން ދެއްކުމަކީ އާންމު ކަމެއް ނަމަވެސް، ސައިފްގެ ހަގީގީ ދިރިއުޅުމުގައިވެސް ހަމަލާއަކާ ކުރިމަތިލައި ހަގީގީ ހިތްވަރުގަދަކަން ދައްކުވައިދީފައިވާ ކަމަށް އޭނާ ބުންޏެވެ.