ބުރާސްފަތި ދުވަހު ބޮލީވުޑަށް ލިބުނު ކުއްލި ޝޮކަކީ އެކްޓަރު ސައިފް އަލީ ޚާން މުމްބާއީގައި ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަން މީހަކު ސައިފަށް އަނިޔާކޮށް ޒަހަމްކޮށްލި ހަބަރެވެ.
އެކްޓަރު މިވަގުތު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. ނަމަވެސް އެންމެންގެ ހިތުގައިވެސް އެއް ސުވާލެއް އުފެދިފައިވެއެވެ. ސައިފް އޮޓޯގައި ހޮސްޕިޓަލަށް ގެންދިޔައީ ކާކުހެއްޔެވެ؟
އެންމެ ފުރަތަމަ ހަބަރު ފެތުރުނު ގޮތުގައި ސައިފް ހޮސްޕިޓަަލަށް ގެންދިޔައީ އޭނާގެ ދޮށީ ދަރިފުޅު، އިބްރާހީމް އަލީ ޚާން އެވެ. ނަމަވެސް، ލީލާވަތީ ހޮސްޕިޓަލުގެ ޑޮކްޓަރަކު ވަނީ މިއާ ތަފާތު ބަޔާނެއް ދީފައެވެ.
ލީލާވަތީ ހޮސްޕިޓަލުގައި ސައިފަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމަކުން ނޫސްވެރިންގެ ބައްދަލުވުމެއް އިއްޔެ ބޭއްވިއެވެ. މި ބައްދަލުވުމުގައި ޑޮކްޓަރުންގެ ތެރެއިން އެކަކު ހިއްސާކުރި ގޮތުގައި ސައިފް ހޮސްޕިޓަލަށް ދިޔައީ އޮޓޯ ރިކްޝާއެއްގައި، އޭނާގެ 8 އަހަރުގެ ދަރިފުޅު ތައިމޫރު އަލީ ޚާނާ އެކުގައެވެ.
ޑޮކްޓަރު އިންޓަވިއުގައި ބުނީ ސައިފް ހޮސްޕިޓަލަށް ދިޔަ ވަގުތު ފުރަތަމަ ބައްދަލުކުރީ އޭނާ ކަމަށެވެ. އޭރު ސައިފްގެ މުޅި ހަށިގަނޑުގައި ލޭ ހުރި ނަމަވެސް، އޭނާގެ ދަރިފުޅު ތައިމޫރާއެކު ހިނގާފައި އައިސް ވަރަށް ބޮޑު ހިތްވަރެއް ދައްކާފައިވާ ކަމަށެވެ.
ޑޮކްޓަރު ސައިފަށް ތައުރީފުކޮށް، އޭނާއަކީ 'ހަގީގީ ބަތަލެއް' ކަމަށް ބުނެފައިވެއެވެ. މި ހާލަތާ ކުރިމަތިލީ ގޮތުން އޭނާގެ ހިތްވަރު ފާހަގަކޮށް، ފިލްމުތަކުގައި ބަތަލުކަން ދެއްކުމަކީ އާންމު ކަމެއް ނަމަވެސް، ގޭގައި ހަމަލާއަކާ ކުރިމަތިލައި އަދި އެ ހާލަތުން ނުކުމެގެން އައި ސައިފަކީ ހަގީގީ ބަތަލެއްކަމަށް އޭނާ ފާހަގަކުރިއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މިހާރު އެކްޓަރުގެ ހާލަތު ވަރަށް ރަނގަޅު ކަމަށާއި، ސިއްހީ ހާލަތު ރަނގަޅުވެފައިވާތީ އައިސީޔޫއިން ހާއްސަ ކޮޓަރިއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ސައިފަށް އަރާމުކުރަން ފުރުސަތު ދިނުމަށްޓަކައި އެ ދުވަހު ޒިޔާރަތްކުރާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.
އެހެން ބައެއް މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ސައިފް ލީލާވަތީ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ގޭގެ މުވައްޒަފެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން