ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރަން ބޭނުންފުޅުވާ ކަމަށާއި މި ދައުރުގެ ތެރޭގައި ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު އިއްޔެ ނިންމަވާލެއްވުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމާ އެކީގައި ކަރުދާހުން ހުރި އެތައް އަހަރެއްގެ އާކައިވް ޑިޖިޓަލައިޒްކޮށް ޑިޖިޓަލައިޒް އާކައިވެއް ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި ޑިޖިޓަލައިޒް ދާއިރާއިން އިގުތިސާދު ފުޅާކޮށް، 2030 ވަނަ އަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ޑިޖިޓަލް ދާއިރާއިން ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި، ހާއްސަކޮށް މި އަހަރުގެ ތެރޭގައި ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް، ޕަބްލިކް ސާވިސްގެ ހުރިހާ ކަމެއް، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ ހަމަ އެއްކޮށް އިރާދަކުރެވިއްޔާ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބަދަލުކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެސްޓޯނިއާއަކީ ޑިޖިޓަލް ދާއިރާއިން މުޅި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އަދި އެންމެ ކާމިޔާބު ގައުމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކުރެވޭ މަސައްކަތުގައި އެ ދަތުރުފުޅުން ކަންކަން ދަސްކުރައްވައި، އެހީތެރިކަން ހޯދޭނެ ގޮތްތަކާއި އެކަމުގައި ކުރިއަށް ދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، 2040 އާ ހަމައަށްދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ޑިޖިޓަލް އިގުތިސޯދެއް އޮތުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.

"ދުނިޔެއަށް އަންނަ ތަރައްގީ ބަލައިގަންނަން ޖެހޭނެ. ރިއަލިޓީއަކާ ދެކޮޅަކަށް ނުދެވޭނެ. އާޓިފިޝަލް އިންޓެލިޖެންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް. އޭއައިގެ މާސްޓާ ޕްލޭނެއް ހެދި އަޅުގަނޑުމެންގެ ގައުމު ތަރައްގީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ. އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވޭނެ،" ރައީސް ވިދާޅުވިއެވެ.