ކުރިޔަށް އޮތް 30 އަހަރުތެރޭ ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެކަމަށް ލަފާކޮށްފިއެވެ.

ޖަޕާނުގެ ސަރުކާރުން އެކުލަވައިލައިފައިވާ ބިންހެލުން ދިރާސާ ކުރާ ކޮމެޓީން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ ކުރިޔަށް އޮތް 30 އަހަރުތެރޭ ޖަޕާނަށް ވަރަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ ފުރުސަތު 75 އިންސައްތަ އާއި 82 އިންސައްތައާ ދެމެދު އެބައޮތް ކަމަށް ބުނެފައެވެ.

އެ ކޮމެޓީން ވަނީ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ނަމަ އޭގެ ބާރުމިން ހުންނާނެ ކަމަށް ބެލެވެނީ 8 ނުވަތަ 9 މެގްނެޓިއުޑްގައި ކަމަށް ބެލެވޭ ކަމަށްވެސް ފާހަގަކޮށްފައެވެ.

މިވަރުގެ ބޮޑު ބިންހެލުމެއް އަތުވެއްޖެ ނަމަ ޖަޕާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީ އެރުމުގެ އިތުރުން އެތައް ސަތޭކަ މީހުން މަރުވުމާއި އެތައް ބިލިއަން ޑޮލަރުގެ ގެއްލުން އެ ގައުމަށް ވާނެ ކަމަށް އެ ކޮމެޓީން ލަފާކޮށްފައިވެއެވެ.

މި ބިންހެލުން އަންނާނެ ކަމަށް ލަފާކޮށްފައިވަނީ ޖަޕާނު ކައިރީގައި އޮންނަ ޕެސިފިކް ކަނޑު ހިމެނޭ ސަރަހައްދުގެ ކަނޑުއަޑީގެ އައްޓަށް ނުވަތަ އަޑީގެ ސަރަހައްދަށް އަންނާނެ ބަދަލުތަކެއްގެ ސަބަބުންނެވެ.