ތިން ކައުންސިލަކަށް ފަޅުރަށްތައް ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ. އެގޮތުން ފަޅުރަށް ހޯދުމަށް ހުރިހާ ކައުންސިލަކުން ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލު ކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ، ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ފެންފުށި، އަދި ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅަލި ހަވާލުކުރުމަށް ވަނީ ނިންމައިފައެވެ.
މި ފަޅުރަށްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީ ގުޅިގެންނެވެ.
ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިހާރު ގެޒެޓުކޮށްފައި އޮތް ގަވާއިދުގެ ދަށުން ކޮންމެ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެއީ އެއީ ރަށާ ޖެހިގެން އޮންނަ ފަޅު ރަށަކަށް ވާން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އިއުލާނު ކުރީ 25 ރަށް ކައުންސިލްތަކަށް ކުއްޔަށް ދިނުމަށެވެ. މަދު ރަށްތަކެއް ފުރަތަމަ ގެޒެޓުކުރެއްވީ ރިސްކެއް ނަންގަވަން ބޭނުންފުޅު ނުވާތީ ކަމަށް ރައީސް އެއިރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮންމެ ރަށަކަށް، ކޮންމެ ކައުންސިލަކަށް އެ ކައުންސިލަށާއި އެ ރަށެއްގެ ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާނެ ފަޅުރަށެއް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު