ދަރިންނަށް ހަރަދުނުދޭ މީހުންގެ ވަނަވަރު ހާމަކުރަން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން ފަށައިފިއެވެ.

އާއިލާއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ދަރިންގެ ހަރަދު ނުދޭ މީހުންގެ ވަނަވަރު ކޯޓުތަކުން ހާމަކުރަން ޖެހެއެވެ.

އެ ގަވާއިދުގެ ދަށުން ކ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓު އަދި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ، ހުކުމާ އެއްގޮތަށް ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ފަށައިފައެވެ.

ނަމަވެސް ފެމިލީ ކޯޓުން ހަރަދުނުދޭ މީހުންގެ ވަނަވަރު މިހާތާނަށް އަދި އާންމުކޮށްފައެއް ނުވެއެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދަރީންގެ ހަރަދު ދިނުމުގައި އިހުމާލުވާ މައްސަލަތަކަކީ އެ ކޯޓަށް އެންމެ ގިނައިން ހުށަހަޅާ އެއް ބާވަތުގެ މައްސަލައެވެ.

ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ދަރިންގެ ހަރަދުގެ ގޮތުގައި މިހާރު ނަގައިދެނީ އެންމެ ކުއްޖެއް ހުރި ނަމަ މަހަކު 2،000 ރުފިޔާއެވެ. އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބޭނަމަ އެއިން ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ ރޭޓުން ކޮންމެ މަހަކު ފައިސާ ދައްކަން ޖެހޭނެއެވެ.

އެ ހަރަދުތައް ދިނުމުގެ މާލީ ތަނަވަސްކަން ކުއްޖާގެ ބައްޕަގެ ނެތްނަމަ، ބައްޕަގެ ބަދަލުގައި އެހެން މީހަކަށް ޒިންމާވެވިދާނެއެވެ.

ނަމަވެސް ކުއްޖާގެ ބައްޕަގެ ތަނަވަސްކަން ހުރި ނަމަ ނުވަތަ ކުއްޖާ އަށް އިތުރު ހަރަދުތަކެއް ކުރަންޖެހޭ ނަމަ، އެ އަށް ވުރެ އިތުރަށް ހަރަދު ނަގައިދިނުމަށް އާއިލާއާބެހޭ ގަވާއިދު ހުރަހެއް ނާޅައެވެ.