މަސްތުން ސަލާމަތްވާން ބޭނުންވާ 50 އަށްވުރެ ގިނަ މީހުން އެންޑީއޭއަށް ފޮނުވާފައިވާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު"އަށް ދެއްވި އިންޓަވިއުއެއްގައި ލުބުނާ ވިދާޅުވީ، ނޭޝަނަލް ޑްރަގް އޭޖެންސީން ބަލަނީ ވީހާވެސް އަވަހަށް މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް އެ ފަރުވާ ހޯދައިދެވޭތޯ ކަމަށެވެ.

"މީގެތެރޭގައި މިއަދާ ހަމަޔަށް 77 މީހުންގެތެރެއިން ގާތްގަނޑަކަށް 50 މީހުން ވަނީ ރިމާންޑްގެ މުއްދަތު ހަމަކޮށް ނޭޝަނަލް އެޖެންސީގެ ފަރުވާގެ ނިޒާމުގެ ތެރެއަށް ޑްރަގް ރީހެބިލިޓޭޝަނަށް ވަދެފަ." ލުބުނާ ވިދާޅުވިއެވެ.

ލުބުނާ ވިދާޅުވީ މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ ސެންޓަރުތަކުގެ ހާލަތު ރަނގަޅުކުރަން ކަމަށާއި، ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ސެންޓަރުތަކުގެ ސްޓްރަކްޗާތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނާ ހަވާލުވުމާ ގުޅިގެން މި އަހަރުތެރޭ އެންމެ ބޮޑު މަސައްކަތެއް ކުރާނީ ސެންޓަރުތަކުގެ ޖާގަ އިތުރުކޮށް ސެންޓަރުތަކުގެ ހާލަތު ރަނގަޅުކުރުން. އެކަމަށް މަސައްކަތްތަކެއް ފައްޓައިގެން ކުރިޔަށް މިދަނީ." ލުބުނާ ވިދާޅުވިއެވެ.

ފާއިތުވި 10 އަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުން އިތުރުވެފައިވާކަން ފާހަގަކުރައްވައި ލުބުނާ ވިދާޅުވީ ފަރުވާގެތެރެއަށް ވައްދަން ޖެހޭ ވަރަށް ގިނަ މީހުން ތިބިކަން އެންޑީއޭއަށް ފާހަގަވެފައިވާ ކަމަށެވެ.