ގޮތް ނޭނގޭ ކުދި ބޯޅަތަކެއް ފެނިގެން ސިޑްނީގެ ބީޗުތައް ބަންދުކުރަން ފަށައިފިއެވެ.

ސިޑްނީގެ އެންމެ މަޝްހޫރު ބޮޑެތި ބީޗުތަކުން ކުދި ބޯޅަތަކެއް ފެންނާން ފެށިއިރު، މިދިޔަ އަހަރުގެ ފަހުކޮޅުވެސް ކަޅުކުލައިގެ ކުދި ބޯޅަތަކެއް ވަނީ ފެނިފައެވެ.

މި ފަހަރު ފެންނާން ފަށާފައިވަނީ އަޅި އަދި ހުދުކުލައިގެ ބޯޅަތަކެކެވެ. އެ ބޯޅަތައް ފެނުމާއެކު މިހާތަނަށް ނުވަ ބީޗެއް ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ސިޑްނީގެ މަޝްހޫރު މޭންލީ އާއި ޑޭވައި ބީޗް ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިޑްނީގެ ތިމާވެއްޓާ ބެހޭ އިދާރާތަކުން ގުޅިގެން ހާއްސަ ތަހުގީގެއް ފަށާފައިވާއިރު ބީޗު ބޭނުންކުރާ ފަރާތްތަކަށް އެ ބޯޅަތަކުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ބަލައި އެ ސަރަހައްދުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ސިޑްނީގެ ބައެއް ބީޗުތަކުން ފެނުނު ކަޅު ބޯޅަތަކުގެ ސާމްޕަލް ނަގައި ކުރި ތަހުލީލުތަކުން ވަނީ އެއީ އެ ސަރަހައްދުގެ ކަނޑަށް ދޫކޮށްފައި ހުރި ނަރުދަމާ ހޮޅިން ލީކުވެފައި ހުރި ބައިތަކެއް ކަމަށް ފާހަގަވެފައި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.