ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ނެރުން ދިގުލައިގެންދާތީ، އެކަމަށްޓަކައި ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ކިބައިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މައާފަށް އެދިވަޑައިގެންފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވުމާއެކު، މަސައްކަތަކަށް ވެގެން ދިޔައީ އިންސާފުވެރިކަމާއެކު ހައްގުވެރިންނަށް ފްލެޓު ހަވާލުކުރުން ކަމަށެވެ.
އެ މަސައްކަތުގެ އިތުރުން، އުސޫލަށް ނުފެތޭ ފޯމުތައް އަލުން ރިވިއުކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި ލިސްޓަކީ 15 ނޮވެމްބަރު 2023 ގައި އިއުލާންކުރެވުނު ލިސްޓަކަށް ވެފައި، ލިސްޓުގައި ހުރި ކަމަށް އެކި އިދާރާތަކުން ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކޮށް، ވެރިފައިކޮށްފައިވާ ލިސްޓު ވޭތުވެދިޔަ 14 މަސް ތެރޭގައި ނެރެވިފައި ނުވާތީ މި ސްކީމަށް ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކުގެ ކިބައިން އަޅުގަނޑު ނިހާޔަތަށް މައާފަށް އެދެން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައި މަސައްކަތްކުރައްވާނީ ދެފުށް ފެންނަ، ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށްގެން ނަތީޖާއަށް ވާސިލުވުމުގެ ސިޔާސަތާއެކު ކަމަށެވެ. އަދި އުންމީދަކީ ރޯދައިގެ ކުރިން ފުލެޓު ލިސްޓުގެ ވެރިފިކޭޝަންގެ މަސައްކަތް ނިންމައި، ގެޒެޓުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި މަޝްރޫއެކެވެ. އެ ސަރުކާރުގެ ދައުރު ހަމަވަނިކޮށް، 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ގެޒެޓުކުރި ނަމަވެސް، އޭސީސީން ވަނީ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް މައްސަލަ ބަލައިފައެވެ. އޭސީސީން މައްސަލަތައް ފާހަގަކޮށް އެކަން އެންގުމާއެކު މި ސަރުކާރުން ވަނީ ފޯމުތައް އަލުން ރިވިއުކުރުމުގެ މަސައްކަތް ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު