އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، ކުރިއަށްއޮތް 15 އަހަރުތެރޭ ކޮންމެ އަތޮޅެއްގައި މަދުވެގެން 8000 އެނދު ތަރައްގީކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ޓޫރިޒަމް ނެތް ސަރަހައްދުތަކުން ޓެކްސްގެ ތެރެއިން ލުއިތަކެއް ދީފި ކަމަށްވަންޏާ، އެ ސަރަހައްދުތަކުގައި ކުރިއަށްއޮތް ފަސް އަހަރު ނުވަތަ ދިހަ އަހަރު ދުވަސް ތެރޭގައި ގިނަ އަދަދެއްގެ އެނދުތަކެއް އުފެދޭނެ ކަމަށެވެ.
"އަޅުގަނޑު ދެކެން ބޭނުންވާ ދިވެހިރާއްޖެއަކީ، ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 7000، 8000 އެނދު އުފެދި، އެތަންތަނުގައި އިންޓަނޭޝަނަލް އެއާޕޯޓު އެޅި، ބައެއް ޑައިރެކްޓް ފުލައިޓުތައް ވަރުގަދަ މާކެޓުތަކުން ގެނެވި، ޗާޓާޑް ފުލައިޓުތައް ގެނެވޭ މަންޒަރު. އެ ހިސާބަށް ދިވެހިރާއްޖޭގެ ޓޫރިޒަމް ގެންދިއުން، އެއީ މިއަދު އަޅުގަނޑުމެން އިހުލާސްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކޮށްފި ކަމަށްވަންޏާ، ކުރިއަށް މިއޮތް ދިހަ އަހަރާއި ފަނަރަ އަހަރު ދުވަސްތެރޭގައި އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އެ ހިސާބަށް ގެންދެވިއްޖެ ނަމަ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތުގެ ބަޖެޓަށް ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށާއި އޭރުން މިހާރު މިއޮތް ހާލަތު ބަދަލުވެ، ދިވެހި ރައްޔިތުންނަކީ ފުދިގެން ދިރިއުޅޭ ބަޔަކަށް ހެދޭނެ ކަމަށެވެ. އަދި ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ގެންދިއުމަށް ކުރީ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އަޅުގަނޑު މި މަގާމުގައި ހުރެ، އައްޑޫ ރައްޔިތުންނަށް ވެސް އަދި ރާއްޖޭގެ ޓޫރިޒަމް ނެތް ހއ، ހދ އަދި ލ. އަތޮޅު ތ. އަތޮޅު ހިސާބުގެ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ ދިވެހިރާއްޖޭގެ ތާރީހުގައި ޓޫރިޒަމް އެ ހިސާބަށް ގެންދިއުމަށްޓަކައި އެންމެ ބުރަ މަސައްކަތްކުރެއްވި ރައީސުލްޖުމްހޫރިއްޔާއަކަށް ވާނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ ހެޔޮ ނިޔަތުގައި އެތަންތަނަށް އިންވެސްޓްމަންޓު ގެންދަން މަސައްކަތްކުރާ ކަމަށްވަންޏާ، ވަރަށް ބޮޑެތި ލުއިތަކެއް ދޭން ޖެހޭ ކަމަށާއި އެހެންނޫން ނަމަ، އެތަންތަނަށް ފަތުރުވެރިކަން ގެންދިއުން ވާނީ އުނދަގުލަކަށް ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި ފަތުރުވެރިކަމަށް އިންވެސްޓުކުރާ ފަރާތްތަކަށް ޓެކްސް އިން ލުއިތަކެއް ދިނުމަށް މިހާރު މަޝްވަރާކުރެވެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު