ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓްގެ އެހީގައި ނަޒާ ހެލްތު ރިހިބިލިޓޭޝަން ސެންޓަރު ހުޅުވައިފިއެވެ.

"ނަޒާ ހެލްތަކީ" 2023 ވަނަ އަހަރު ބީއެމްއެލްގެ ސްޓާޓަޕް ފަންޑު ލިބުނު ސަންފާ ނަޒާހަތް އަހުމަދު، ޅ. ނައިފަރުގައި ގާއިމުކުރި ފިޒިކަލް ރިހެބިލިޓޭޝަން ސެންޓަރެކެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ސެންޓަރަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، އެކިކަހަލަ ޖިސްމާނީ އަނިޔާ ލިބިފައިވާ މީހުންނަށާއި، ސްޕޯޓްސް ރިހެބިލިޓޭޝަނާއި ނިއުރޮލޮޖިކަލް ރިހެބިލިޓޭޝަން އަދި އަންހެނުންނަށް ހާއްސަ ފިޒިކަލް ރިހެބިލިޓޭޝަން ފަދަ އެކި ހިދުމަތްތައް ލިބޭނެ ސެންޓަރެއް ކަމަށެވެ.

މިދިޔަ އަހަރަކީ ބީއެމްއެލް ސްޓާޓަޕް ފަންޑު ވިދިވިގެން ދިން ތިންވަނަ އަހަރެވެ. މި ސްޓާޓަޕް ގްރާންޓުގެ ދަށުން އުފެދެމުން އަންނަ ވިޔަފާރިތަކަށް ވިޔަފާރި ފަށައި ކުރިއެރުވުމަށް 500،000 ރުފިޔާގެ ހިލޭ އެހީ ބީއެމްއެލުން ފޯރުކޮށްދީފައިވެއެވެ.