ޖެނުއަރީ 7 ވަނަ ދުވަހު ފެށުނު ލޮސް އެންޖެލްސްގެ އަލިފާނުގެ ހާދިސާއިން އަސަރުކުރި މީހުންނަށް އެހީތެރިވުމަށް އެންޖެލީނާ ޖޯލީވެސް ގިނަ މަސައްކަތްތަކެއް ކުރަން ފަށައިފިއެވެ. އެގޮތުން މި ހަފުތާގައި ލޮސް އެންޖެލްސް ސަރަހައްދުން ދާން ޖެހުނު މީހުނަށް އެކްޓަރު އެންޖެލީނާ އޭނާގެ ގެ ހުޅުވާލައިފައިވެއެވެ.

ހޮލީވުޑް ރިޕޯޓުތަކުގައިވާ ގޮތުން، ހުކުރު ދުވަހާ ހަމައަށް، ޕެސަޑީނާގައި ހިނގަމުންދާ ޕެލިސޭޑްސް އަދި އީޓަން އަލިފާނުގެ ހާދިސާތަކުގައި ގެތަކާއި އޮފީސްތައް ހިމެނޭ ގޮތަށް 10,000 އަށްވުރެ ގިނަ އިމާރާތް އަނދައިގެން ގޮސްފައިވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، މިހާރު ކޮންޓްރޯލް ނުކުރެވި ހިނގަމުންދާ ލޮސް އެންޖެލެސްގެ އަލިފާނުގެ ހާދިސާތަކަކީ އެމެރިކާގެ ތާރީހުގައި އެންމެ ގެއްލުން ބޮޑު ހާދިސާތަކުގެ ތެރެއިން ހާދިސާތަކެކެވެ. މި ކާރިސާގެ ސަބަބުން ލެއިޓަން މީސްޓަރ އަދި އާދަމް ބްރޯޑީ، އެނާ ފާރިސް، ރިކީ ލޭކް، ކެރީ އެލްވެސް، އަދި ކެމެރޮން މެތިސަން ފަދަ މަޝްހޫރު މީހުން ހިމެނޭ ގޮތަށް 80,000 އަށްވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ދާންޖެހިފައެވެ.

ހުކުރު ދުވަހާ ހަމައަށް، ލޮސް އެންޖެލެސް ކައުންޓީ ޑިޕާޓްމަންޓް އޮފް މެޑިކަލް އެގްޒެމިނަރ (ޑީއެމްއީ) އިން ރިޕޯޓުކުރި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅުންހުރި 11 މަރުގެ މައްސަލަ ތަހުގީގު ކުރެވެމުންދެއެވެ.

އެންޖެލީނާއެކޭ އެއްފަދައިން، މަޝްހޫރު އެހެން މީހުންވެސް އަލިފާނުގެ ހާދިސާއިން އަސަރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.

ހެލީ ބެރީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ގޮތުގައި އަލިފާނުގެ ހާދިސާގައި އެމީހުންގެ ތަކެތި ގެއްލިފައިވާ މީހުންނަށް އަސާސީ ހެދުން ހޯދައިދިނުމަށްޓަކައި ޝެރޮން ސްޓޯންއާ ގުޅިގެން އޭނާގެ ހެދުންތަކެއް ހަދިޔާކުރާނެއެވެ.

މޭގަން މާކްލް އަދި ޕްރިންސް ހެރީވެސް، އެބޭފުޅުންގެ މޮންޓެސީޓޯގައި ހުރި ގެ ހުޅުވާލައިފައިވެއެވެ.

މީގެ އިތުރުން، ޖެމީ ލީ ކަރޓިސް އަދި ކްރިސްޓޯފަރ ގެސްޓްގެ އާއިލާއިން މި ނުރައްކާތެރި ގުދުރަތީ ކާރިސާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި 1 މިލިއަން ޑޮލަރު ހަދިޔާކުރުމަށް ވައުދުވެފައިވެއެވެ.