ގައުމުގެ ހަމަޖެހުން ނަގާލަން ޖާގަ ނުދެއްވާނެ ކަމަށާއި ގައުމީ ވިސްނުމެއްގައި އެކަން ހުއްޓުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި ގައުމުގައި ސިޔާސީ ފަރާތްތަކުން، އަދި އެ ނޫންވެސް ބަޔަކަށް މި ހަމަޖެހުން ނަގާލުމަކަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ.
"އެއްވެސް ފުރުސަތެއް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކަށް، އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފި ނަމަ އަޅުގަނޑު އެކަން ގައުމީ ވިސްނުމެއްގައި ހުއްޓުވައި، ގައުމުގެ ހަމަޖެހުން ޔަގީންކުރާނަން. އެ ވާހަކަ ވަރަށް ސާބިތުކަމާއެކީ މި ދަންނަވާލަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ތަރައްގީ ގާއިމުވެގެންދާއިރުގައި ގައުމުގައި ހަމަޖެހުންވެސް ގާއިމުވެފައި އޮތުން ކަމަށާއި މިދިޔަ 14 މަސް ދުވަހުގެ ތެރޭގައި ގައުމުގައި ހަމަޖެހުން ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހުގެ އެއްވެސް ކަމެއް ނުހިނގާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނެއް ނުހިންގާނަން ބަދަލު ހިފާކަށް އެއްވެސް ކަމެއް. ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެއް ބަޔަކަށް އަނިޔާކޮށް ސިޔާސީ ވިސްނުމުގެ ތެރެއިން ހައްޔަރުކޮށް، ޖަލަށް ލައި، އުނދަގޫކޮށް ހެދުމަކީ ގަބޫލުކުރާ ކަމެއް ނޫން، އަޅުގަނޑު ވައުދުވިން އެކަން އެގޮތަށް ނުހިންގާނެ ކަމަށް. މި ގައުމުގައި އަޅުގަނޑެއް ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނަން. ބަދަލު ހިފުމެއް ނޯންނާނެ. ހަމަޖެހުން ހަގީގީ މާނައިގައި އޮންނަން ބޭނުންވާތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަރައްގީ ގެނެސްދޭ ކަމަށްވާ ނަމަ، ތަރައްގީގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭނީ ގައުމުގައި ހަމަޖެހުން އޮވެގެން ކަމަށާއި މި ހަމަޖެހުމުގައި ގައުމު ކުރިއަށް ގެންދިއުމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް މުހިންމީ މި ގައުމަކީ ހަމަޖެހުން ގާއިމުވެފައި އޮތް ގައުމަކަށްވާން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ގައުމުގައި މިގޮތަށް ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ގާތަށް އައިސް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައިގެން ރައްޔިތުން އެދޭ ތަރައްގީ، ގައުމުގައި ހަމަޖެހުން ގާއިމުކޮށްގެން ގެނެސްދިނުމުގައި ރައްޔިތުން އަޅުގަނޑާއެކުގައި، އެންމެން އަތުކުރި އޮޅާލައިގެން ގައުމީ ވިސްނުމުގައި އަދި ފަރުދީވެސް ވިސްނުމެއްގައި މިކަމުގައި އެއްކޮށް ތިއްބެވުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮންމެ މީހަކަށް ކޮށްދެވޭ އަދި ގައުމަށް ކޮށްދެވޭ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު