ރާއްޖޭގެ އަސްކަރީ ގާބިލުކަމަށް މަސައްކަތްކޮށްދޭނެކަމުގެ ޔަގީންކަން އިންޑިއާ އިން ދީފިއެވެ.

އިންޑިއާއަށް ވަޑައިގެން، ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގްއާ ބައްދަލުކުރައްވައިފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައި އަސްކަރީގޮތުން ތަރައްގީކުރަން ޖެހޭ ތަންތަން ހެދުމަށާއި، އަސްކަރީ އާލާތްތަކާއި އެހެނިހެން ތަކެތި ރާއްޖެއަށް ހޯދައިދިނުމަށް، އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ޕޮލިސީގެ ދަށުން މަސައްކަތްކޮށްދޭނެ ކަމުުގެ ޔަގީންކަން ރަޖްނަތު ވަނީ ދެއްވައިފައެވެ.

"ޕްރޮޖެކްޓުތައް ހިންގައިގެންނާއި، އާލާތްތައް ހޯދައި ތަމްރީނުތައް ކުރިއަށްގެންގޮސްގެން އެމްއެންޑީއެފްގެ ކެޕޭސިޓީ ބިލްޑިންގެ މަސައްކަތްތަކަށް އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ،" އެ ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ވިދާޅުވިއެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިއަދު ބުނީ އަސްކަރީ ދާއިރާ އިން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ.

ގައްސާން، އިންޑިއާއަށް ކުރައްވާ ދަތުރަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރެކެވެ. މިއީ ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރު ގައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ގައްސާން އިންޑިއާއަށް ވަޑައިގެންނެވި އިރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ މިދިޔަ ހަފުތާގައި އިންޑިއާއަށް ވަޑައިގެންފައެވެ. އަދި ހަލީލް އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފައެވެ. އަދި ވަނީ ރާއްޖޭގައި ހައި އިމްޕެޓް ކޮމިއުނިޓީ ޑިވޮލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމަށް އިންޑިއާއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ ނަމަވެސް މިހާރު އެ ގުޅުން ވަނީ އަލުން އިޔާދަވެފައެވެ.