އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖްކުރުމުގެ ހިދުމަތް ނުދޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލުން މިރޭ ނެރުނު ބަޔާނެއްގައި އެހެން ބުނެފައިވަނީ، އޮންލައިން ޓްރޭޑްކޮށްގެން ހޯދާ ކްރިޕްޓޯ ކަރަންސީ އެ ބޭންކުގެ އޭޓީއެމްތަކުން އެކްސްޗޭންޖްކުރެވޭ ކަމަށް ދޭހަވާގޮތަށް އާންމު ފަރާތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއަކާ ގުޅިގެން ބައެއް މީހުން އެކަމާ ސުވާލު އަމާޒުކުރަމުންދާތީއެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ހިދުމަތްދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖްކުރުމުގެ ހިދުމަތެއް ނުދެމެވެ..،" ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓާކާޑުގެ އިތުރުން އެހެނިހެން އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ކާޑުން މުއާމަލާތް ހިންގޭނެ ކަމަށެވެ. އެފަދަ ބައިނަލްއަގުވާމީ ކާޑުތަކުން، ކަނޑައެޅިފައިވާ ލިމިޓްތަކެއްގައި ބީއެމްއެލް އޭޓީއެމް މެދުވެރިކޮށް މުއާމަލާތް ކުރެވުނު ނަމަވެސް، އާންމުކޮށްފައިވާ ވީޑިއޯގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓުން 100،000 ޑޮލަރުގެ އަދަދަށްވާ ދިވެހި ފައިސާ އެއްފަހަރާ ނުނެގޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ އޭޓީއެމް އާއި ލޯގޯ ބޭނުންކޮށްގެން ކަސްޓަމަރުންނަށާއި އާންމުންނަށް އޮޅޭގޮތަށް ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގައި އެ ބޭންކުން ޝާމިލުވެ އެކަމަށް މަގުފަހިކޮށްދޭ ކަމަށް ދޭހަވާ ގޮތަށް އެފަދަ ވީޑިއޯއެއް އާންމުކޮށްފައިވާތީ ހިތާމަކުރާ ކަމަށާއި އަދި އެކަން ކުށްވެރިކުރާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު