ގދ. ނަޑެއްލާއިން (ޢަލީ ޔާމީން، ވަން އޮންލައިން)

މި ރަށު ބަނދަރު ހެދުމަށް ކޮންޓްރެކްޓަރެއް ހޯދުމަށް މި މަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު ހުވަދުއަތޮޅަށް މިއަދު ފެެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މި ރަށުގެ ބަނދަރުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެގޮތުން ބަނދަރު ހެދުމަށް ކޮންޓްރެކްޓަރަކު ހޯދުމަށް މި މަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދާނީ ރަށްގިރުމުގެ މައްސަލައަށްވެސް ހައްލެއް ލިބޭ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ، މި ރަށަށް ބޭނުންވެފައިވާ އެހެން ކަންކަންވެސް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ސްކޫލުގެ ޖާގަ އިތުރުކުރުމާއި ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމުމާއި ވޮލީ ކޯޓާއެކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި މި ރަށުގައިވެސް އޭޓީއެމް ބަހައްޓާނެ ކަމަށެވެ. އަދި އަހަރު ތެރެއަށް ބަހާލައިގެން އޭޓީއެމް ނެތް ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް މި އަހަރު ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.