މި ހަފުތާ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ފިނޭންސް މިނިސްޓްރީން 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިވެހި ކުންފުނިތަކަށް ދޫކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯނޑެއްދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ބަޖެޓް ހަދާފައިވަނީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ކަމަށެވެ. އެ ދަތިތަކާއެކުވެސް ގައުމު ދަރަނިވެރިވިޔަ ނުދީ، އިގުތިސޯދު ކޮޅަށް ޖަހައި އެއްވެސް ފައިސާއެއް ޗާޕް ނުކޮށް ހުރިހާ ދަރަންޏެއް ދައްކަމުން އަންނަ ކަމަށެވެ.

"މި ހިނގާ ހަފުތާ ތެރޭގައިވެސް ސަރުކާރުން، ފިނޭންސް މިނިސްޓްރީން އެކި ފަރާތްތަކަށް ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް 500 އަށްވުރެ ގިނަ މިލިއަން ހަމަ ދިވެހި އެކި އެކި ކުންފުނިތަކަށް އެބަ ދޫކުރަން. އެއީ ސަރުކާރުން ކުރުވާފައި ހުރި ކަންކަމަށް ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ދޫކުރަމުންދާނެ،" ރައީސް ވިދާޅުވިއެވެ.

"މި ޖެނުއަރީ އަދި ފެބުރުއަރީ މަސް ތެރޭގައި، ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ، އާރުޑީސީ، އެމްޓީސީސީ، ވެމްކޯ، މިހެން ކިޔާނެ ކަމެއް ނެތް، މިކަހަލަ ކުންފުނިތައް އާދައިގެ ކުދިކުދި ކުންފުނިތައް ލައްވާ މިފަދަ ރަށްރަށުގައި ހުންނަ ކުދިކުދި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާގެ ބޮޑު އަދަދެއް ނުދެވި އެހެރީ. އެ ކުންފުނިތައް މިސް މެނޭޖްކޮށްފައި އޮތްލެއް ބޮޑުކަމުން. އެއިގެން ވެސް ބޮޑު އިންސައްތައެއް މި ބަލަނީ މި ދެ މަސް ތެރޭގައި ރޯދަމަސް އަންނަން ވާއިރަށް، ޖެނުއަރީ އަދި ފެބްރުއަރީ މަހު ދީ ނިންމޭތޯ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ ދަރަނިވިޔަ ނުދީ، ފައިސާ ޗާޕުނުކޮށް، ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ދެމުން، ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން އަދި ފައިސާގެ އަގު ހިފަހައްޓައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކަންކަން ކުރާނީ އެއްވެސް ގައުމަކަށް ވަކިން ގޮސް ހުސްވެ، ބަރޯސާނުވެ ދިވެހިރާއްޖެ އިސްކޮސްގެން، ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ޕޮލިސީ، ޕްރޯ މޯލްޑިވްސް ޕޮލިސީ ކަމަށާއި އެ މަނިކުފާނަށް އެންމެ މުހިންމީ ރާއްޖެއަށް އެންމެ ފައިދާވާ ގައުމުތަކާއި ގާތްގުޅުމެއް ބޭއްވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.