މިދިޔަ އަހަރުގެ ގޯލްޑަން ގްލޯބް އެވޯޑްސްގައި ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އިނާމު ހާސިލުކުރީ ޖެސިކާ ގަނިން އެވެ. މި އިނާމު އޭނާއަށް ލިބުނީ "ބޭބީ ރެއިންޑިއަރ" މިނަމުގައި ރިލީޒްކުރި ޓެލެވިޒަން ސީރީޒްގައި ވަރަށް މޮޅަށް ސްޓޯކަރެއްގެ ދައުރު އަދާކުރުމުން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

އިނާމާ ހަވާލުވުމަށްފަހު ޖެސިކާ ބުނީ މި ޝަރަފުވެރި އިނާމު ލިބުމުގެ އުފާވެރި އިހުސާސް އަޅައިކިޔެނީ ކުޑައިރު ކްރިސްމަސް ހަދިޔާއެއްގެ ގޮތުގައި ހެމްސްޓަރެއް ލިބުމުގެ އުފަލާ ކަމަށެވެ.

މިއީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި އެމީ އެވޯޑުވެސް ލިބިފައިވާ ޖެސިކާއަށް ލިބުނު ފުރަތަމަ ގޯލްޑަން ގްލޯބް ނޮމިނޭޝަނެވެ. އޭނާގެ ގިންތީގައި ވާދަކުރި ހުނަރުވެރި އެހެން ތަރީންގެ ތެރޭގައި ހިމެނެނީ:

1. "ދަ ބެއަރ" އިން ލީޒާ ކޮލޯން-ޒަޔާސް

2. "ހެކްސް" އިން ހަންނާ އައިންބައިންޑަރ

3. "ރިޕްލީ" އިން ޑަކޯޓާ ފޭނިންގ

4. "ދަ ޑިޕްލޮމެޓް" އިން އެލިސަން ޖެނީ

5. "ޓްރޫ ޑިޓެކްޓިވް: ނައިޓް ކަންޓްރީ" އިން ކާލީ ރީސް

ޖެސިކާގެ އިތުރުން "ބޭބީ ރެއިންޑިއަރ" އަށް ވެސް ވަނީ އެންމެ މޮޅު ލިމިޓެޑް ސީރީޒް، އެންތޮލޮޖީ ސީރީޒް ނުވަތަ ޓެލެވިޒަން މޯޝަން ޕިކްޗަރގެ ގިންތިން ގޯލްޑަން ގްލޯބް އިނާމު ލިބިފައެވެ. މި ޝޯ އުފެއްދި ފަރާތް އަދި އެކްޓަރު ރިޗަޑް ގެޑް އިނާމު ބަލައިގަތުމަށްފަހު ދެއްކެވި ވާހަކައިން އެއްވެފައި ތިބި ގިނަ މީހުނަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

މި ގިންތީގައި ނޮމިނޭޓްވެފައިވާ ވާދަވެރި އެހެން މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

1. ޑިސްކްލެއިމަރ

2. މޮންސްޓަރސް: ދަ ލައިލް އެންޑް އެރިކް މެނެންޑެޒް ސްޓޯރީ

3. ރިޕްލީ

4. ދަ ޕެންގުއިން

5. ޓްރޫ ޑިޓެކްޓިވް: ނައިޓް ކަންޓްރީ

"ބޭބީ ރެއިންޑިއަރ" އަކީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދި މަސައްކަތެކެވެ. މި މަސައްކަތް މިހާ ބޮޑަށް މަގުބޫލުވުމުގެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ މި ވާހަކަ ބިނާވެފައިވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ކަމަށް ބުނެވޭތީއެވެ. ސީރީޒްގައި ވާހަކައިގެ ފޭރާމާއި އެ ތަންފީޒުކުރެވުނު ގޮތުގެ އިތުރުން، އެކްޓަރުންގެ މޮޅު އެކްޓިންވެސް ފާހަގަވެފައިވެއެވެ. މީގެ ތެރޭގައި ރިޗަޑް ގެޑް އަދި ޝޯގައި މާތާގެ ދައުރު އަދާކުރި ޖެސިކާ ގަނިން ފާހަގަކޮށްލެވެއެވެ.