ރަށްރަށުގައި ކުރިއަށް ގެންދިއުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެން މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މި މަހުގެ ތެރޭގައި ކޮންޓްރެކްޓަރުން ހޯދަން އިއުލާން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ ކ. ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގައި އަމަލީ ގޮތުން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާނެ އަހަރަށް ކަމަށެވެ. އަދި ބިން ހިއްކައި، ޖާގަ އިތުރުކުރެވިފައިވާ ރަށްރަށުގައިވެސް ކުރިއަށް އޮތް އަހަރުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަވާނެ ކަމަށް ވިދާޅުވިއެވެ.
"މި އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް. 2025 އަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހަދާނަން. މި މަހުގެ ތެރޭގައި ބަޖެޓުގެ ތެރެއިން ކަނޑައަޅާފައި މި ހުރި، އަޅުގަނޑު ވައުދުވެފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ކެމްޕޭން ތެރޭގައި، މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަދޭނެ ފަރާތްތައް ހޯދައި، އަމަލީ ގޮތުން މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް އެބަ އިއުލާން ކުރަން. މި ޖެނުއަރީ މަސް ތެރޭގައި،" ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު، ރަސްމާލެ މަޝްރޫއުގެ ދުވެލި ތިންގުނަ އަވަސްކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
"މިހާރު އަމަލީ ގޮތުން ބިން ހިއްކުން އެ ހިނގަނީ. އިތުރު ބައެއް ފަރާތްތަކުން އިތުރު ބައެއް ކޮމްޕެނީތަކުން އެތަނަށް ޑްރެޖަރު މޮބިލައިޒް ކުރުވައިގެން އެއްފަހަރާ އެތައް މަޝްރޫއުތަކެއް، އެތައް ފަރާތްތަކެއްގެ މަސައްކަތްތަކެއް އެތަ ފެށުމަށް މަސައްކަތް މި ކުރަނީ. އެހެންވީމަ ސްޕީޑް ދެގުނަ، ތިންގުނައަށް ބާރުވާނެ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު