މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު، ރަސްމާލެ މަޝްރޫއުގެ ދުވެލި ތިންގުނަ އަވަސް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކ. ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލު އަންނާނެ އަދި އެއް ފަސްގަނޑަކުން އެންމެ ގިނަ މީހުން އާބާދުވާނެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
"މިހާރު އަމަލީ ގޮތުން ބިން ހިއްކުން އެ ހިނގަނީ. އިތުރު ބައެއް ފަރާތްތަކުން އިތުރު ބައެއް ކޮމްޕެނީތަކުން އެތަނަށް ޑްރެޖަރު މޮބިލައިޒް ކުރުވައިގެން އެއްފަހަރާ އެތައް މަޝްރޫއުތަކެއް، އެތައް ފަރާތްތަކެއްގެ މަސައްކަތްތަކެއް އެތަ ފެށުމަށް މަސައްކަތް މި ކުރަނީ. އެހެންވީމަ ސްޕީޑް ދެގުނަ، ތިންގުނައަށް ބާރުވާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ މަސައްކަތް ބޭނުންފުޅުވި ދުވެލީގައި މިދިޔަ އަހަރު ނުދިޔަ ކަމަށާއި އޭގެ ސަބަބަކީ މި ސަރުކާރަށް ވާރުތަވި އިގުތިސާދުގައި ހައްލުކުރަންޖެހޭ ބައިވަރު ކަންތައްތަކުގެ ތެރެއިން ކުރިމަތިވި ދަތިތައް ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ މަޝްރޫއު ރައީސް މުއިއްޒު ފައްޓަވައިދެއްވީ 18 ޑިސެމްބަރު 2023ގަ އެވެ.
އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާއިރު، އެ މަސައްކަތް ކުރިއަށްދަނީ 12 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެ ސަރަހައްދުތަކުގެ ތެރެއިން މިހާތަނަށް ބިން ހިއްކައި ނިމިފައިވަނީ އެންމެ ސަރަހައްދެއްގައެވެ. އެއީ 29 ހެކްޓަރުގެ ބިމެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ފުރަތަމަ ހަވާލުކުރީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެވެ. އެއީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް ބިން ހިއްކުމުގެ މުގާބިލުގައި ރަސްމާލެ އިންނާއި ހުޅުމާލެއިން ބިން ދޭ ގޮތަށެވެ. ނަމަވެސް ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާތީ އެ ކުންފުނީގެ އެއްބަސްވުން ސަރުކާރުން ވަނީ ފަހުން އުވާލައިފައެވެ.
އެ ފަހުން އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން އެ މަސައްކަތް އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓު (އެމްއެމްއީ) އާއި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއާރުސީސީ) އާ ހަވާލުކުރިއެވެ.
އެކަމުގެ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމަ ކޮށްފައިނުވާއިރު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަލުން ފެށިކަން އެޗްޑީސީން އިއުލާން ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު