ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކާގޯ އެތެރެކުރި އަހަރަކީ ނިމިދިޔަ 2024 ވަނަ އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް، ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންޓެނަރައިޒް ކާގޯ ޖުމުލަ 66638 (ޓީއީޔޫސް) އެތެރެކުރެވިފައިވާ އިރު، 150692 (ފުރައިޓް ޓަންސް) ޖެނެރަލް ކާގޯ ރާއްޖެ އެތެރެ ކުރެވިފައިވާ ކަމަށެވެ. އެއީ 2023 ވަނަ އަރާ އަޅައި ބަލާ އިރު، ކޮންޓެނެރައިޒް ކާގޯ ހަތް ޕަސަންޓު އަދި ޖެނެރަލް ކާގޯ 29 ޕަސަންޓު އިތުރު އަދަދެއް ކަމަށް ވަޖީހު ވިދާޅުވިއެވެ.
"މީގެ ކުރިން މި ރެކޯޑު ގާއިމުކުރެވިފައި އޮތީ، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު ރާއްޖެ އެތެރެ ކުރެވިފައިވަނީ، 63002 ކޮންޓެއިނަރު (ޓީއީޔޫސް) އާއި 123669 ޖެނެރަލް ކާގޯ (ފުރައިޓު ޓަންސް) އެވެ. އަދި 2019 ވަނަ އަހަރުވެސް މާބޮޑު ތަފާތެއް އައިސްފައެއް ނުވެއެވެ..،" އޭނާ ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރަށް ބަލާ އިރު، ކޮވިޑުގެ ދެ އަހަރު ދުވަހަށްފަހު ވެސް ކާގޯ އިތުރުވި އަދަދަށް މާބޮޑު ބަދަލެއް ނާންނަ ކަމަށާއި އޭގެ މާނައަކީ ގައުމުގެ އިގުތިސާދަށް މާބޮޑު ދިރުމެއް އައިސްފައި ނުވުން ކަމަށެވެ.
"ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް، ރާއްޖޭގެ އިގުތިސާދަށް ދިރުން އައިސްފައިވާކަން ކަށަވަރުކޮށްދެނީ، ނިމިދިޔަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު އެހެން އަހަރުތަކާ އަޅައި ބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ގިނަ ޕްރޮޖެކުޓުތަކެއް 2025 ވަނަ އަހަރު ފެށިގެން ދިއުމުން ރާއްޖޭގެ އިގުތިސާދަށް ދުވަހަކުވެސް ނުލިބޭވަރުގެ ކުރިއެރުމެއް މިއަހަރު ލިބިގެންދާނެކަން ޔަގީނެވެ..،" އޭނާ ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު އިތުރަށް ވިދާޅުވީ އެ ކުރިއެރުމާއެކު ރާއްޖެ އަންނަ ކާގޯގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެތީ، ޕްރޮޖެކުޓުތަކަށް ދަތިނުވާ ގޮތަށް ކާގޯ މެނޭޖުކުރުމަށްޓަކައި އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު