ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މާފަންނުގައި އާ ފާމަސީއެއް ހުޅުވައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ފާމަސީ ހުޅުވައިފައިވަނީ އިއްޔެ ކަމަށެވެ. އަލަށް ހުޅުވި ފާމަސީ ހުންނާނީ މަޖީދީ މަގު، ވެލިގާ ހާޑްވެއާ ކައިރީ ކަމަށް އެސްޓީއޯއިން ބުންޏެވެ.

"މި ލޮކޭޝަނަކީ ގިނަ ކްލިނިކްސް ތަކެއް ހުންނަ ހިސާބެއް ކަމުން ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް އެސްޓީއޯގެ ފާމަސީގެ ހިދުމަތް ކްލިނިކްތަކާ ކައިރިން ލިބެންހުންނާނެއެވެ،" އެސްޓީއޯއިން ބުންޏެވެ.

އަލަށް ހުޅުވި ފާމަސީއަކީ ޒަމާނީ ކޮންސެޕްޓުގެ މައްޗަށް ބިނާކޮށްފައިވާ ފާމަސީއެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހާއި ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމެންޓް އިތުރުން ހޯމްކެއާ އަދި ޕާސަނަލް ކެއާގެ ގިނަ ބާވަތެއްގެ ތަކެތި އެ ފާމަސީން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ފާމަސީގެ ދެވަނަ ފްލޯ ހާއްސަކޮށްފައިވަނީ މެޑިކަލް އިކުއިޕްމެންޓްސް އާއި މެޑިކަލް ކޮންޒިއުމަބަލްސްގެ ތަފާތު ފަހުގެ ޒާމާނީ ޕްރޮޑަކްސްޓްތަކަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ފްލޯގައި ހޯލްސޭލް ކައުންޓަރެއް ވެސް ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދި މުހިންމު ވަސީލަތްތަކެއް ލިބޭނެ އިންތިޒާމު އަލަށް ހުޅުވި ފާމަސީގައި ގާއިމުކޮށްފައިވުމުން ހިދުމަތް ހޯދާ މީހުންނަށް ފަސޭހަވެގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެެވެ.

ހުކުރު ދުވަސް ނޫން ހުރިހާ ދުވަހެއްގައި ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ފާމަސީ ހުޅުވާފައި ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.