ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމައިފިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށަން ތައްޔާރުވެފައިވާކަން އިއުލާންކުރީ ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯ އާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައިވެރިވެރިވެވަޑައިގަތް އޮންލައިން ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި، ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯ ވިދާޅުވީ އެ އެއްބަސްވުމަށް އަންނަ ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވަންގް ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ މައާފުވާނެ ކަމަށާއި ޗައިނާގެ އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ފަސޭހައިން ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކާއި ރާއްޖޭގެ އިގުތިސާދަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ޗައިނާގައި ވިއްކުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު، 2014 ގައެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީ ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.