އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑރ. މަންމޯހަން ސިންގުގެ ހަނދާނުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައިފިއެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގު އަވަހާރަވީ ހާލުކޮޅު ދެރަވެ، އިމަޖެންސީގައި ވެރިރަށް ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައި ފަރުވާދެމުން ދަނިކޮށް މިމަހުގެ 26 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ދަފުތަރުގައި ސޮއިކުރައްވައި ރައީސް ލިޔުއްވި މެސެޖުގައި، މަންމޯހަން ސިންގްއަކީ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި، ހާއްސަކޮށް ހިކުމަތްތެރި ނިންމެވުންތަކާއެކު އެތައް ބައެއްގެ އިހުތިރާމު ހޯއްދަވާފައިވާ ޝަހުސެއްކަން ފާހަގަކުރެއްވި ކަމަށެވެ.
އޭގެ އިތުރުން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، މަންމޯހަން ސިންގު ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ހަނދާންތައް އައުކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގެ އުންމީދުތަކަށް އިތުރު ހަރުދަނާކަމެއް ލިބިގެންދިޔަ ކަމުގައި ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުން ހިތާމައިގެ މި ދަނޑިވަޅުގައި މަންމޯހަން ސިންގުގެ އާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުން ކަމަށެވެ.
މަންމޯހަން ސިންގު ވަނީ އިންޑިއާގެ ފިނޭންސް މިނިސްޓަރު ކަމުގައި 1991 އިން ފެށިގެން 1996 ވަނަ އަހަރު ހިދުމަތް ކުރައްވައިފައެވެ. އޭގެ އިތުރުން 2004 އިން ފެށިގެން އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެ ދައުރު ފުރިހަމަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު